ގެދޮރުވެރިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ފްލެޓުތަކުގެ ތެރެއިން މިހާތަނަށް 3600 އަށް ވުރެ ގިނަ ފްލެޓު، އޭގެ ވެރިފަރާތްތަކާ ހަވާލުކޮށްފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކޮށްފިއެވެ.
ފްލެޓުތަކުގެ ތަޅުދަނޑި ހަވާލު ކުރުމުގެ މަސައްކަތް ކުރިޔަށްދާގޮތާއި ގުޅޭ މައުލޫމާތު ދެމުން އެފްޑީސީން ބުނީ، މި މަޝްރޫއުގެ ދަށުން ފްލެޓު ލިބުނު ފަރާތްތަކުގެ ތެރެއިން 3,850 ފަރާތަކާއެކު މިހާތަނަށް ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައި ކަމަށެވެ. އަދި މީގެ ތެރެއިން 3,647 ފަރާތަކަށް ފްލެޓުގެ ތަޅުދަނޑި ހަވާލުކުރެވިފައިވާކަމަށް ބުންޏެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ޖުމްލަ 4,000 ހައުސިންގ ޔުނިޓު ތަރައްގީކޮށްފައިވާއިރު، ސަރުކާރުގެ އަމާޒަކީ ރަމަޟާން މަހުގެ ކުރިން ފްލެޓުތަކަށް ރައްޔިތުންނަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އެފްޑީސީން ބުނީ އެ އަމާޒަށް ވާސިލުވުމަށްޓަކައި، މަސައްކަތް ކުރަމުންދާ ކަމަށެވެ.
ފްލެޓުތައް ލިބޭ ފަރާތްތަކާއެކު ވީހާވެސް އަވަހަކަށް އެއްބަސްވުން އެކުލަވާލައި، ތަޅުދަނޑި ހަވާލުކުރުމުގެ ކަންކަން އެފްޑީސީން މި ހަފްތާގައި ވެސް ކުރިޔަށް ގެންދާނެ އެވެ.
އެފްޑީސީން ބުނީ، އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް ބައެއް ފަރާތްތަކަށް އެކި ސަބަބުތަކާހުރެ އަދި ތަޅުދަނޑިއާ ހަވާލުވާން އާދެވިފައި ނުވާ ކަމަށެވެ.

