މިދިޔަ މަހު ދަޢުލަތަށް އާމްދަނީގެ ގޮތުގައި 4.45 ބިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިނލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %33.1 އިތުރު އަދަދެކެވެ. ނަމަވެސް، މިއީ އެ މަހު ލިބޭނެ ކަމަށް ކުރިން އަންދާޒާކުރި މިންވަރަށްވުރެ %4.9 ދަށް އަދަދެކެވެ.
ވޭތުވެދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ބޭންކް އިންކަމް ޓެކްސް އާއި ބިން ވިއްކުމާއި ބަދަލުކުރުމުގެ ފީއިން ލިބުނު އާމްދަނީ އިތުރުވުމެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމާއެކު ޓޫރިޒަމް ޖީ.އެސް.ޓީ އަށް ލިބުނު ކުރިއެރުން ފާހަގަކޮށްލެވެއެވެ. 2024 ވަނަ އަހަރުގެ ޑިސެމްބަރާ އަޅާބަލާއިރު 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު %7.4 އިތުރުވުމަކީ މި ކުރިއެރުމުގެ މައިގަނޑު އެއް އަސާސެވެ. އަދި އާމްދަނީން ނަގާ ޓެކުހުގެ ދެވަނަ އިންޓަރިމް ބަޔާން ހުށަހެޅުމުގެ ސުންގަޑި މި މުއްދަތާ ދިމާވުމަކީވެސް އާމްދަނީ އިތުރުވި ސަބަބެކެވެ.
މިދިޔަ މަހު ލިބުނު އާމްދަނީ އަންދާޒާކުރި މިންވަރަށްވުރެ ދަށްވެފައިވަނީ ވިޔަފާރި އާމްދަނީން ނަގާ ޓެކުހާއި، ޓޫރިޒަމް ޖީ.އެސް.ޓީ އަދި ޑިޕާޗަރ ޓެކުހުން ލިބުނު އާމްދަނީ އުންމީދުކުރި ވަރަށްވުރެ މަދުވުމުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ މަހު ލިބުނު އާމްދަނީގެ ތެރެއިން %25.9 އަކީ ނުދެއްކި ހުރި ފައިސާ ހޯދުމަށް މީރާއިން ކުރި ޚާއްޞަ މަސައްކަތްތަކުން ލިބިފައިވާ ފައިސާއެވެ.
ނުލިބި ހުރި ފައިސާ ހޯދުމަށް މީރާއިން ކުރި މަސައްކަތުން ޖުމްލަ 531.68 މިލިއަން ރުފިޔާ ވަނީ ދަޢުލަތަށް ހޯދައިދީފައެވެ. މީގެ ތެރޭގައި ނޯޓިސް ފޮނުވައިގެންނާއި، ފޯނު ކޯލްތަކުގެ ޒަރިއްޔާއިންނާއި، އަދި ބޭންކް އެކައުންޓްތައް ހިފަހައްޓައިގެން ހޯދި ފައިސާ ހިމެނެއެވެ. މީގެ އިތުރުން އިންސްޓޯލްމަންޓް އެއްބަސްވުންތަކުގެ ދަށުންވެސް ބޮޑު އަދަދެއް ވަނީ ބަލައިގަނެފައެވެ.
މިދިޔަ މަހުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ޙިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 1.79 ބިލިއަން ރުފިޔާ ނުވަތަ ޖުމްލަ އާމްދަނީގެ %40.4 އެވެ. ދެވަނައަށް އެންމެ ގިނައީ އާމްދަނީން ނަގާ ޓެކުހެވެ. މީގެ އިތުރުން ގްރީން ޓެކްސް، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ޑިޕާޗަރ ޓެކުހަކީވެސް ދަޢުލަތުގެ އާމްދަނީގައި މުހިންމު ދައުރެއް އަދާކުރި ބައިތަކެވެ. ޖުމްލަ އާމްދަނީގެ ތެރޭގައި 180.42 މިލިއަން އެމެރިކާ ޑޮލަރުވެސް ހިމެނެއެވެ.

