ދިރާގު އަދި އައިސިކް ބޭނުންކުރާ ފަރާތްތަކަށް ޝަންގްހާއީ ޑިޒްނީލޭންޑަށް ދިއުމުގެ ފުރުސަތު ހުޅުވާލައި، ހާއްސަ ރިފަރަލް ޕްރޮމޯޝަނެއް ދިރާގުން މިއަދު ތައާރަފުކޮށްފިއެވެ. މި ޕްރޮމޯޝަނުގެ ދަށުން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ޗައިނާގެ ޝަންގްހާއީއަށް ދިއުމުގެ އަގުހުރި ފުރުސަތުތަކެއް ލިބިގެންދާނެއެވެ.
ދިރާގުން މައުލޫމާތު ދޭ ގޮތުގައި، މި ޕްރޮމޯޝަނުގެ ނަސީބުވެރި ފަރާތަކަށް ޝަންގްހާއީއަށް ދިއުމުގެ ދެ ކޮޅު ޓިކެޓާއި، ފަސް ރޭގެ ހުރުމުގެ އިތުރުން ޑިޒްނީލޭންޑަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބޭނެއެވެ. މިއީ ދަރިވަރުންނަށް ހާއްސަކޮށްގެން ދިރާގުން ހުޅުވާލި ވަރަށް ތަފާތު އަދި ފޯރިގަދަ ފުރުސަތެކެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމަށްޓަކައި، ފުރަތަމަ ދިރާގު x އައިސިކް ސްޓޫޑެންޓް ޑިސްކައުންޓް ކާޑަށް ރަޖިސްޓަރީވާން ޖެހެއެވެ. އެއަށްފަހު، މި ކާޑު އެހެން ފަރާތްތަކަށް ތައާރަފްކޮށް (ރިފަރކޮށް) އެ ފަރާތްތަކުން ރަޖިސްޓަރީކުރާއިރު، ހިދުމަތް ތައާރަފްކޮށްދިން ފަރާތުގެ ފޯނު ނަންބަރު ރިފަރަލްގެ ގޮތުގައި ޖެހުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ދިރާގުން ފާހަގަކުރެއެވެ.
މި ޕްރޮމޯޝަން 31 މާރިޗު 2026 ގެ ނިޔަލަށް ކުރިއަށްދާނެއެވެ. ވީހާވެސް ގިނަ ފަރާތްތަކަށް މި ހިދުމަތް ތައާރަފުކޮށްދީގެން އިނާމު ހޯދުމުގެ ފުރުސަތު އިތުރުކުރެވޭނެ ކަމަށް އެ ކުންފުނީން ބުނެއެވެ. މީގެ އިތުރުން، ކިޔަވާ ކުދިންނަށް ހާއްސަ ދިރާގު x އައިސިކްއަށް 28 ފެބުރުވަރީ 2026 ގެ ކުރިން މުޅިން ހިލޭ ރަޖިސްޓްރީކުރުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވައިލައިފައެވެ. ރަޖިސްޓަރ ކުރުމަށްފަހު މި ކާޑުން ލިބޭ ހާއްސަ ޑިސްކައުންޓްތައް އެއް އަހަރު ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭނެއެވެ.
ދިރާގުން ބުނި ގޮތުގައި މިއީ ދަރިވަރުންނަށް ލިބޭ ފުރުސަތުތައް ފުޅާކޮށް، މި ހިދުމަތުގެ ފައިދާ އެހެން ފަރާތްތަކާ ހިއްސާކުރާ ކިޔަވާކުދިންގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ. ދިވެހި ޒުވާނުންނާއި ކިޔަވާ ކުދިންނަށް، ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ހާއްސަ އޮފަރތަކާއި ތަޖުރިބާތައް ގެނެސްދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ.

