ރ. މަޑުއްވަރީގައި ފުލުހުން ފަށާފައިވާ އޮޕަރޭޝަނަކީ ހަރުކަށި ވިސްނުމުގެ ޝިކާރަކައަށްވެފައިވާ ކުޑަކުދިންނާއި އަންހެނުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފަށާފައިވާ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިފަދައިން ވިދާޅުވީ އޮޕަރޭޝަންގެ ތަފްސީލް ހާމަކޮށް ނެރުނު ނޫސްބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައިވަނީ ޤާނޫނާއި ޚިލާފަށް ހަރުކަށި ފިކުރުތަކާއި އެއްގޮތަށް ތަބާވެ ޖަމާއަތުން ވަކިވެ، ކުޑަކުދިންނާއި އަންހެނުނަށް ލިބިދޭ އަސާސީ ހައްގުތަކުން މަހުރޫމްކޮށް ޓެރަރިޒަމްއާއި ހައްދުފަހަނަ އަޅާ ދިއުމުގެ އަމަލުތަކަށް މީހުން އަހުލުވެރިކޮށް ޓެރަރިސްޓު ޖަމާއަތްތަކަށް މީހުން ރެކްރޫޓްކުރުމަށް ހިންގާ މަސައްކަތްތަކާއި ދެކޮޅަށް ފުލުހުންނާއި ސިފައިންނާއި ދައުލަތުގެ ކަމާއި ބެހޭ އިދާރާތަކުގެ ބަިއިވެރިވުމާއެކު ޚާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.
” މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރައި ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމްތަކުން ބޭރުން ވަކި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު، އަންހެނުންނާއި ކުޑަކުދިން މަހުރޫމްކޮށް އެމީހުންގެ ނާޖާއިޒު ފައިދާ ނަމުންދާ ކަމަށާއި މިފަދަ އަމަލުތައް ހިންގާ ބައެއް ފަރާތްތަކުން އަންހެނުންނާއި ކުޑަކުދިން މުޖްތަމައުން ވަކިކޮށް ކުޑަކުދިންނަށް ސިއްޙީ ގޮތުން ދޭން ލާޒިމް ކުރާ ވެކްސިން ނުދީ ތައުލޫމް ހާސިލް ކުރުމުން މަހުރޫމްކޮށް ކުޑަކުދިން މީހުންނާއި ކައިވެނިކުރުވާ ގެތަކުގަިއ ބަންދުކޮށްގެން ގެންގުޅޭ ކަމަށާއި ދަރިމައިވުމާއި އުފަންވަނިވި ސިއްޙަތާިއ ގުޅުން ހުރި ސިއްޙީ އިންތިޒާމުތަކާއި ހައްޤުތަކުން އަންހެނުން މަހުރޫމްކޮށް އެފަދަ އަނެހނުންގެ ފުރާނައާއި ސިއްޙަތު ނުރައްކާތެރި ޙާލަތަކަށް ހުށަހެޅިފައިވާ ކަމުގެ މައުލޫމާތ ވަނީ ލިބިފަ”
މި އޮޕަރޭޝަންގެ ތެރެއިން އެކަންކަން ހިނގަމުންދާ ކަމަށް ފާހަގަކުރެވޭ ގެތަށް ބަލާފާސްކޮށް މިކަންކަން ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހުން ހޯދާނެ ކަމަށް ފުލުހުން ބުނެއެވެ. އަދި މި އޮޕަރޭޝަންއަކީ އެފަދަ ތަންތަނުގައި ތިބި އަންހެނުންނާއި ކުޑަކުދިންގެ ހާލަތު ބަލައި އެފަރާތްތަކުގެ ޙައްގުތަށް ރައްކާތެރިކުރުމަށް ހިންގާ އޮޕަރޭޝަންއެއް ކަމަށެވެ.
ފުލުހުން ބުނީ ޓެރަރިޒަމްއާއި ހައްދު ފަހަނައަޅާފައިވާ އަމަލުތައް ހިންގާ ޖަމާއަތްތަކަށް ތާއީދުކޮށް އެކަންކަން ދިފާއުކުރާ ފަރާތްތަކަށް ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް މި އޮޕަރޭޝަންގެ ތެރެއިން އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.