ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ހުށަހަޅާ ގޮތް ގޯސް، މަޖިލިސް އިންތިހާބު އޮންނަންވީ ރިޔާސީ ދައުރުގެ މެދުތެރެއިން: ސޯލިހު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ދެމެދު މިހާރު އޮންނަ މުއްދަތު ގޯސް ކަމަށާއި، އެންމެ ރަނގަޅު ގޮތަކީ ރިޔާސީ ދައުރުގެ މެދުތެރެއިން މަޖިލިސް އިންތިހާބު ބޭއްވުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ޅ. ކުރެންދޫގައި އެމްޑީޕީގެ ޖަގަހައެއް ހުޅުވުމަށް އާދީއްތަ ދުވަހުގެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސޯލިހު ވަނީ ސަރުކާރުން މިހާރު ގެންނަން އުޅޭ ބަދަލުތަކަށް ފާޑުވިދާޅުވެފައެވެ.

ސޯލިހު ވިދާޅުވި ގޮތުގައި، ރައީސަކު އިންތިހާބުވާތާ ތިން މަސް ފަހުން މަޖިލިސް އިންތިހާބު ބޭއްވުމުން، މަޖިލިސް އޮންނަނީ ރައީސްގެ ބާރުގެ ދަށުގައެވެ. މިސާލެއްގެ ގޮތުން އެމަނިކުފާނު ފާހަގަކުރެއްވީ ރައީސް ޔާމީންގެ ދައުރާއި، އެމަނިކުފާނުގެ އަމިއްލަ ދައުރުގެ އިތުރުން މިހާރުގެ ރައީސް ޑރ. މުއިއްޒުގެ ދައުރުގައިވެސް ރައްޔިތުން މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ސަރުކާރަށް ދީފައިވާ ކަމެވެ.

”ރައީސްގެ މަގާމަށް ވަޑައިގަންނަވާ ބޭފުޅަކަށް ހާސިލް ކުރެއްވޭ ވަރު ރައްޔިތުންނަށް އެނގެން ޖެހޭނެ. އެއްގޮތަކީ ދެ އަހަރު ބައި ހޭދަކުރައްވާފައި ނުވަތަ މިޑްޓާމް އިލެކްޝަނެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބޭއްވުން،“ ސޯލިހު ވިދާޅުވިއެވެ.

އެމަނިކުފާނު ހުށަހެޅުއްވި އަނެއް ގޮތަކީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމަށްފަހު، މަޖިލީހުގެ ދައުރު ދެ އަހަރާއި ބަޔަށް ކުޑަކޮށްލުމެވެ. އޭރުން ރައީސުލްޖުމްހޫރިއްޔާ ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރާއިރު، ވަކި ހިސާބަކުން ރައްޔިތުންނަށް ޖަވާބުދާރީ ކުރެވޭނެ މަގެއް ފަހިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިހާރު ގާނޫނުއަސާސީ އޮތްގޮތުން ރައީސް ޖަވާބުދާރީ ނުކުރެވޭކަން ފާހަގަކުރައްވައި، ސޯލިހު ވިދާޅުވީ ސަރުކާރުން މިހާރު ހުށަހަޅާފައިވާ ބަދަލަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އަދި މިކަމުގައި ނަގާ ފެންނަ ނުފެންނަ ވޯޓާ މެދު ފުންކޮށް ވިސްނަންޖެހޭ ކަމަށާއި، ހެޔޮ ނިޔަތެއް އޮތް ނަމަ ސިޔާސީ ޕާޓީތަކާއި، އެންޖީއޯތަކާއި ޖުޑިޝަރީއާ މަޝްވަރާ ކުރަންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ވަނީ މި މަހުގެ 10 ވަނަ ދުވަހު ފާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: