ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން އެ މަގާމުން ރިޓަޔާކުރަން ނިންމަވައި، އެކަން ރަސްމީކޮށް މިއަދު ހުށަހަޅުއްވައިފި އެވެ.
މިދިޔަ އަހަރުގެ ޖޫން މަހު ކޮމިޝަނަރުކަމާ ހަވާލުވެވަޑައިގެންނެވި ނަވީން ރިޓަޔާ ކުރައްވަން ނިންމަވައި ސިޓީ ފޮނުއްވި ނަމަވެސް، އެކަމުގެ ސަބަބެއް އަދި މިހާތަނަށް ސާފެއް ނުވެއެވެ.
މި ނިންމެވުމާ ގުޅިގެން ނަވީންގެ ފަރާތުންނާއި ފުލުހުންގެ އިދާރާއިން ވެސް މީޑިއާއަށް އަދި ރަސްމީ ބަހެއް ދީފައެއް ނުވެއެވެ.
ނަވީން ކޮމިޝަނަރު ކަމަށް އައްޔަން ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު މިދިޔަ އަހަރުގެ އޭޕްރީލް މަހު ކުއްލި ގޮތަކަށް ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. ޝުޖާއު ރިޓަޔާ ކުރެއްވީ މާލޭގެ އިމާރާތަކުން ޒުވާން އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ފުލުހުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
ޕޮލިސް ކޮމިޝަނަރު ކަމަށް ނަވީން އައްޔަން ކުރެއްވީ އެ މަގާމަށް ކުރިމަތިލެއްވި ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމާ ވާދަކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަކަށެވެ. މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން، އޭޕްރީލް މަހުން ފެށިގެން އެ މަސްއޫލިއްޔަތު ވަގުތީ ގޮތުން އަދާކުރައްވަމުން ގެންދެވީ ވެސް ނަވީން އެވެ.
ނަވީން ރިޓަޔާ ކުރެއްވުމަށް ހުށަހެޅުއްވިއިރު، ފުލުހުންގެ ވެލްފެއާ ކުންފުނި ޕޮލްކޯ އާއި އެހެނިހެން ކަންކަމާ ގުޅޭ ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި ނަވީނާއެކު ފުލުހުންގެ އިސް ހަތް އޮފިސަރަކު ސަސްޕެންޑް ކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ނިންމާފައެވެ. ނަމަވެސް، މި މައްސަލައިގައި މަޖިލީހުގެ ތަޅުމުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

