ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް އަމާޒުކޮށްގެން ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ޤުރްއާން ޚަތިމްކުރުމުގެ ހާއްސަ ޕްރޮގްރާމެއް ބޭއްވުމަށް ނިންމައިފިއެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މި ޕްރޮގްރާމަކީ ރޯދަމަހުގެ ތެރޭގައި ދަރިވަރުން ޤުރުއާނަށް އޮންނަ ލޯބި އިތުރުކުރުމަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.
މި ޕްރޮގްރާމަކީ އުމުރުން 13 އަހަރާއި 16 އަހަރާ ދެމެދުގެ ފިރިހެން ކުދިންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމުގެ މައިގަނޑު ޝަރުތަކީ ފަރިތަކަމާއެކު ކީރިތި ޤުރްއާން ބަލައިގެން ކިޔަވަން އެނގުމެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށެވެ.
ކިޔެވުން ކުރިއަށްދާނެ މިސްކިތްތަކާއި ގަޑިތައް
މި ޕްރޮގްރާމްގެ ކިޔެވުން މާލެ ސަރަހައްދުގެ ތިން މިސްކިތެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެއީ:
- މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން، މާލެ.
- ސަލްމާނު ރަސްގެފާނު މިސްކިތް، މާލެ.
- މަސްޖިދު ޙަސަން އާދަމް، ހުޅުމާލެ ފޭސް 2.
ޕްރޮގްރާމްގެ ކިޔެވުން ކުރިއަށްދާނެ ގަޑިތަކަށް ބަލާއިރު، މި މަހުގެ 18 އިން 26 އަށް ކިޔެވުން އޮންނާނީ މެންދުރުފަހު 2:15 އިން ފެށިގެން ދޮޅުގަޑިއިރަށެވެ. އަދި ފެބްރުއަރީ 27 އިން މާޗް 19 އަށް ކިޔެވުން އޮންނާނީ ހެނދުނު 10:00 އިން ފެށިގެން ދޮޅުގަޑިއިރަށެވެ. މީގެ އިތުރުން ހުކުރު އަދި ހޮނިހިރު ދުވަސްތަކުގައި ކިޔެވުން ކުރިއަށްދާނީ ހެނދުނު 9:00 އިން ފެށިގެން ދޮޅުގަޑިއިރަށެވެ.
ކޮންމެ މިސްކިތަކުން 20 ކުދިންނަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގެ ކުރިން ފޯމު ހުށަހަޅަންޖެހޭނެއެވެ.
ބައިވެރިވުމަށް އެދޭ ކުދިން އައިޑީ ކާޑުގެ ކޮޕީއަކާއެކު ކަނޑައެޅިފައިވާ ގޫގަލް ފޯމު ފުރިހަމަކުރަން ޖެހޭނެ ކަމަށް ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން މައުލޫމާތު ދެއެވެ.

