ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ރައީސް ޔާމީން މިނިވަންކުރަން ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށް އެންމެ ގުޅިގެން މަސައްކަތްކޮށްދެއްވާ”

ޝެއާރކޮށްލާ ކަހަލަދޯ؟

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު މިނިވަން ކުރުމަށްޓަކާ، ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ ހޯދުމަށް ހުރިހާ ރައްޔިތުން މަސައްކަތްކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ގޮވާލައްވައިފިއެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރުކަންވެސް ކުރައްވާ އާދަމް ޝަރީފު ވިދާޅުވީ، ރައީސް ޔާމިން މިނިވަންކުރުމަށްޓަކާ ކުރަން ޖެހޭ މަސައްކަތް ހުއްޓުމެއްނެތި ޕީޕީއެމްއާއި ޕީއެންސީން ކުރިޔަށް ގެންދާކަމަށެވެ. އެގޮތުން، ގިނަ ރައްޔިތުންގެ އެދުމުގެ މަތިން ތައްޔާރުކޮށްފައިވާ ޕެޓިޝަންގައި އެތައް ބަޔަކު ސޮއިކޮށްފައިވާކަމަށާއި ބައެއް ރަށްރަށުން ހާހަކަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ކަމަށެވެ.

“އަޅުގަނޑުމެން މިދަނީ ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވަމުން. ތައްޔާރުވަމުންދާއިރު އަޅުގަނޑުމެންގެ ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގައި މިހާތަނަށް އަޅުގަނޑުމެންނަށް ތަޖުރިބާ ކުރެވުނު އެންމެ ހިންގުންތެރި ރައީސް، އެނެމް ބޮޑު އިންޤިލާބީ ބަދަލެއް ގެންނެވި ރައީސް، ރާއްޖޭގެ ޗާޓު ބަދަލުކޮށްލެއްވި ރައީސް، އެ އޮންނެވީ ޖަލުގަ. އަޅުގަނޑުމެން ހަމަ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، ވަރަށް ބޮޑަށް އިލްތިމާސް ކުރައްވަން ބޭނުން މިފަހަރު، ރައީސް ޔާމީން މިނިވަންކުރުމަށްޓަކާވެސް، މި ފަހަރުގެ ކައުންސިލް އިންތިޚާބު އަޅުގަނޑުމެން ޕީޕީއެމް ޕީއެންސީއަށް ދެއްވުމަށް”

އާދަމް ޝަރީފު ވިދާޅުވީ، ކައުންސިލް އިންތިޚާބާއި ދިމާކޮށް މި ސަރުކާރުން ކަޑަ ޖަހަން ފަށާފައިވާކަމަށެވެ. އެއީ މީގެ ވިއްސަކަށް އަހަރު ކުރީގެ ސަގާފަތެއްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، މި ސަރުކާރުން އިންތިޚާބުތަކަށް ވައުދުވަމުން ދިޔަސް ނަތީޖާއެއް ނުނެރެވޭކަމަށެވެ. އަދި މަޖިލީހާއި ސަރުކާރު ލިބިގެން، މިހާރު މުޅި ނިޒާމު ސަރުކާރުގެ ތެރެއަށް ގެންގޮސްފައިވާ ކަމަށެވެ. އެހެން ކަމުން ކައުންސިލް އިންތިޚާބުގައި ސަރުކާރު ޖަވާބުދާރީ ކުރުމަށް އިދިކޮޅު ފަރާތްތަކަށް ފުރުސަތު ލިބެން ޖެހޭކަމަށްވެސް އާދަމް ޝަރީފު ވިދާޅުވިއެވެ.

އާދަމް ޝަރީފު ވިދާޅުވީ، މި ސަރުކާރުން މިހާރުވެސް އިންތިޚާބަށް ނުފޫޒު ފޯރުވަން ފަށާފައިވާކަމަށެވެ. އެގޮތުން ރައީސް ޔާމީން ޖަލަށް ލާފައިވާ އިރު، މީގެ ދެ ދުވަހެއް ކުރިން ކައުންސިލްތަކުގެ ރައީސުން މާލެ ގެނެސް ކްރޮސް ރޯޑުގައި ބޭއްވި ޖަލްސާއެއްގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ސަރުކާރުގެ އިސްވެރިން ގޮވާލާފައިވާކަމަށްވެސް އާދަމް ޝަރީފު ވިދާޅުވިއެވެ. އެ ޖަލްސާއަކީ ދައުލަތުން މިލިއަނުން ޚަރަދުކޮށްގެން ބާއްވާފައިވާ ޖަލްސާއެއް ކަމުން ވަކި ބަޔަކަށް ވޯޓު ދިނުމަށް ބާރު އެޅުމަކީ އިންތިޚާބަށް ނުފޫޒުފޯރުވުމުގެ ޢަމަލެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެއީ ކޮރަޕްޝަންގެ ޢަމަލެއްކަމަށްވެސް އޭނާ ވަނީ ތުޚުމަތު ކުރައްވާފައެވެ.

” ރާއްޖޭގެ އެކި ހިސާބުތަކުގައި ތިއްބަވި ކައުންސިލަރުން، މާލެ ގެންނަވާ، އަދި އިތުރު ދަތުރުތަކެއް ކުރައްވައިގެން ކްރޮސް ރޯޑުގައި އެ ޚަރަކާތްތައް ހިންގެވިއިރު، ވަރަށް ބޮޑެތި ހަމަ މިލިއަނުން ޚަރަދު އެކުރެވުނީ އިނގޭތޯ. ކުރެވުނު އިރުގައި އެއީ ޤައުމު ބިނާކުރުމަށް ކުރެވޭ މަސައްކަތެއް ވެއްޖެއްޔާ އަޅުގަނޑު ޤަބޫލުކުރަނީ އެއީ އެންމެ ރަނގަޅު ކަމެއްކަމަށް. އެހެންނަމަވެސް އެ ޚަރަކާތުގެ ތެރެއިން، ޚާއްސަކޮށް ލޯކަލް ކައުންސިލް އިންތިޚާބުގަ ވޯޓު ދޭން ޖެހޭނީ، އެމްޑީޕީގެ ފިކުރުގެ ބޭފުޅުންނަށޭ ސަރުކާރުގެ އިސްވެރިން ވިދާޅުވުމަކީ، އަޅުގަނޑު ދެކޭގޮތުގައި އެ ބޭފުޅުން މި ލޯކަލް ކައުންސިލް އިންތިޚާބަށް ފާޅުގަ ނުފޫޒުފޯރުވުމަށްޓަކާ، ދައުލަތުގެ ވަސީލަތްތައް ބޭނުންކުރައްވައިގެން އަދި ރަށް ރަށުގަ ތިބި ކައުންސިލަރުންނަށްވެސް މީގެ މަގުސަދަކީ ކޮބާކަން ނޭންގޭނެ ގޮތަކަށް ވަރަށް ހީލަަތްތެރިގޮތެއްގަ އަޅުގަނޑު ދަންނަވާނީ ކުރަމުން ދިޔަ ކަމެކޭ”

ކައުންސިލް އިންތިޚާބުގައި ޕީޕީއެމް އަދި ޕީއެންސީން ޓިކެޓް ދޭނީ ޤާބިލް، ތައުލީމީ ބޭފުޅުންނަށްކަން ފާހަގަކުރައްވާ އާދަމް ޝަރީފު ވިދާޅުވީ، ރައީސް ޔާމީންއާއެކު ޤައުމު ތަރައްޤީކޮށް ނަތީޖާ ނެރެފައިވާ، ވަޒީރުންނާއި، ކުންފުނިތަކުގެ އިސްވެރިންގެ އިތުރުން ރަށްފުށުގައި ޚަރަކާތްތެރިވި ތައުލީމީ ބޭފުޅުން އަދިކޮޅު ކޯލިޝަނުން ނިކުންނާނެ ކަމަށެވެ.

އާދަމް ޝަރީފު ވަނީ ޕީޕީއެމް އަދި ޕީއެންސީ ޓިކެޓްގައި ވާދަކުރައްވަން ބޭނުންފުޅުވާ ބޭފުޅުން އެކަމަށް ކެމްޕެއިން ކުރައްވަމުން ގެންދެވުމަށް ގޮވާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: