ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑުތަކުރުފާނު މަގުގެ ސަރަހައްދުގައި އެއްކޮށް ތާރުއަޅައި ނިންމާލައި, ރޭ ފަތިހު އާންމުންނަށް ހުޅުވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ބޮޑުތަކުރުފާނު މަގުގެ ބާޒާރުމަތީ ސަރަހައްދުގައި ތާރުއަޅައި ނިންމައި، ރޭ ފަތިހު 5:00 އިން ފެށިގެން އާންމު ދަތުރުފަތުރަށް ހުޅުވާލައިފިއެވެ. މިއީ މާލޭގެ ބަނދަރު ސަރަޙައްދުގެ ދަތުރުފަތުރަށް ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދިޔަ މުހިންމު މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ލޯކަލް މާރުކޭޓު ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއްގައި ވަނީ ތާރު އަޅާފައެވެ. މަގު ފުޅާކުރުމަށްޓަކައި ފަޅުތެރެއިން ބައެއް ހިއްކައިގެން 6 މީޓަރުގެ ސަރަޙައްދެއް މަގަށް އިތުރުކޮށް، ހަތަރު ލޭނަށް މަގު ވަނީ ފުޅާކޮށްފައެވެ. މީގެ އިތުރުން ހިނގާބިނގާވެ އުޅޭ މީހުންނަށް ފަސޭހަވާނެހެން މަގުގެ ދެ ފަރާތުގައިވާ ދުވާރުވެސް ވަނީ ފުޅާކޮށްފައެވެ.

މަގު ހުޅުވުމުގެ ކުރިން އެ ސަރަހައްދު ފެހިކުރުމުގެ ގޮތުން ބޭއްވި ގަސް އިންދުމުގެ ހަރަކާތުގައި ދައުލަތުގެ 12 ވަޒީރުންނާއި އިސްވެރިންގެ އިތުރުން އެމްޓީސީސީގެ މުވައްޒަފުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، ”މި ސަރަހައްދަކީ ކުރިން އެއްކޮޅަށް ދުއްވާ މަގުގެ ގޮތުގަ އޮތް ސަރަހައްދެއް، އެހެންނަމަވެސް އޭގެ ސަބަބުން ބައިވަރު ދަތިތަކާ ކުރިމަތިވާތީވެ ސަރުކާރުން މި މަގު ފުޅާކޮށް، ދެކޮޅަށް ދުއްވާ މަގެއް ގޮތުގަ މި ކަނޑައަޅަނީ،“ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޗާންދަނީ މަގުން ފެށިގެން ފާލަންދޮށު ހިނގުމާ ހަމައަށް އަލަށް ތަރައްގީކުރި ސެގްމަންޓް ދެކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި ހުޅުވާލުމުން ބަނދަރު ސަރަހައްދުގެ ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ތަޞައްވުރާ އެއްގޮތަށް ގެނެވުނު ބަދަލެއްކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢަކީ ބަނދަރު ސަރަޙައްދުގެ ތޮއްޖެހުން ކުޑަކޮށް، މުދާ އުފުލުމުގައި ވިޔަފާރިވެރިންނަށް ހުރި ހުރަސްތައް ނައްތާލުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އެމްޓީސީސީން މި މަސައްކަތް ފަށާފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 22 ވަނަ ދުވަހުއެވެ. މީގެ ކުރިން މިދިޔަ ޑިސެންބަރު މަހު މަސް މާރުކޭޓާއި އެއް ނަންބަރު ފާލަމާ ދެމެދު އޮންނަ ސަރަހައްދުވެސް ވަނީ ތާރު އަޅައި ތަރައްގީކޮށް ހުޅުވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: