މިއަހަރުގެ ރަމަޟާންމަހުގެ ފަހު ފަނަރައިގައި ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އިތުރު ފުރުޞަތުތަކެއް މިއަދު ހުޅުވާލައިފިއެވެ. މި ފުރުޞަތު ހުޅުވާލާފައިވަނީ ރަމަޟާންމަހަކީ އަޅުކަމުގެ މަހަކަށްވެފައި، ޢުމްރާއަށް ދިއުމަށް ގިނަ ބަޔަކު އެދެމުންދާތީ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
ޙައްޖު ކޯޕަރޭޝަނުން ފާހަގަކުރި ގޮތުގައި، އަހަރުގެ ޙައްޖު ދުވަސްތައް ފިޔަވައި އެހެން ހުރިހާ ދުވަސްވަރެއްގައިވެސް ޢުމްރާއަށް ދިއުމުގެ ފުރުޞަތު އާންމުކޮށް އޮވެއެވެ. ނަމަވެސް ރަމަޟާން މަހާއި ސްކޫލް ބަންދު ދުވަސްވަރަކީ ޢުމްރާއަށް ދިއުމަށް އޮންނަ ޑިމާންޑު ވަރަށް ބޮޑު ދުވަސްވަރެއްކަން އެ ކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.
މިއަހަރުގެ ރަމަޟާންމަހުގެ މުޅި މަހު ޢުމްރާ އަދި ފަހު ފަނަރައިގެ ޢުމްރާއަށް ދިއުމަށް ގިނަ ބަޔަކު ޝައުޤުވެރިކަން ފާޅުކުރަމުންދާތީ، ޙައްޖު ކޯޕަރޭޝަނުން މިހާރު ވަނީ ފަހު 15 އިގެ ޢުމްރާއަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލާފައެވެ. މި ފުރުޞަތުގެ ދަށުން ޢުމްރާއަށް ދިއުމަށް ހޮވޭނީ ވީ އެންމެ އަވަހަށް ރަޖިސްޓްރީވެ ފައިސާ ދައްކާ ފަރާތްތަކުގެ ތަރުތީބުންނެވެ.
ޢުމްރާއަށް ދިއުމަށް ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކަށް ޙައްޖު ކޯޕަރޭޝަންގެ ރަސްމީ ވެބްސައިޓް Hajj.mv ގައިވާ ”ފަހެލި“ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. އަދި މި ޕޯޓަލް މެދުވެރިކޮށް ޢުމްރާގެ ފައިސާ ދެއްކޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން، އޮންލައިންކޮށް ފައިސާ ދެއްކުމުގެ ބަދަލުގައި ޙައްޖު ކޯޕަރޭޝަންގެ ކައުންޓަރުންވެސް ޢުމްރާގެ ފައިސާ ބަލައިގަންނާނެ ކަމަށް އެ ކޯޕަރޭޝަނުން މަޢުލޫމާތު ދެއެވެ.

