އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރުމަށް ހުށަހެޅުމުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކެންޑިޑެސީ ބަލައިނުގަތް ދެ މައްސަލައެއްގައި މާދަމާ ގޮތެއް ނިންމައި ހުކުމްކުރުމަށް ސުޕްރީމް ކޯޓުން ތާވަލުކޮށްފިއެވެ.
އީސީން ކެންޑިޑެސީ ބަލައިނުގަތުމުން މިހާރު ކޯޓު މަރުހަލާގައިވާ މި ދެ މައްސަލައާ ގުޅިގެން ކ. ގުރައިދޫ އާއި ކ. ތުލުސްދޫގެ ކައުންސިލަށް ކުރިމަތިލި ކެންޑިޑޭޓުންގެ ނަންބަރު ކަނޑައަޅަން ގުރުލުން އަދި ކުރިއަކަށް ނުގެންދެއެވެ. ނަމަވެސް، އެހެން ހުރިހާ ރަށެއްގެ ކައުންސިލްތަކަށް ކުރިމަތިލި ކެންޑިޑޭޓުންގެ މެދުގައި މިހާރު ވަނީ ގުރުލައި ނަންބަރުތައް ތަރުތީބުކޮށް ނިންމާފައެވެ.
ސުޕްރީމް ކޯޓުގައި މާދަމާ ހުކުމް އިއްވުމަށް ތާވަލުކޮށްފައިވަނީ ކ. ގުރައިދޫ ކައުންސިލްގެ ރައީސް ކަމަށް އަމިއްލަ ގޮތުން ކުރިމަތިލި އަބްދުއްމަޖީދު (ރިނދަލިގެ/ގުރައިދޫ) އާއި، ކ. ތުލުސްދޫ ކައުންސިލްގެ އަންހެން މެންބަރު ކަމަށް އަމިއްލަ ގޮތުން ކުރިމަތިލި ފާތިމަތު ސޫޒަންގެ ކެންޑިޑެސީއާ ގުޅޭ މައްސަލައެވެ.
މީގެ ތެރެއިން އަބްދުއްމަޖީދު ހުށަހެޅި މައްސަލައިގެ ހުކުމްކުރުން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10:30 އަށެވެ. މި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ފަނޑިޔާރު ހުސައިން ޝަހީދު، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ.
ފާތިމަތު ސޫޒަން ހުށަހެޅި މައްސަލައިގެ ހުކުމްކުރުން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 11:30 އަށެވެ. މި މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަބްދުﷲ ހަމީދު، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އަދި ފަނޑިޔާރު އަލީ ރަޝީދު ހުސައިންނެވެ.
މި ދެ މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމާ ގޮތެއްގެ މައްޗަށް ބިނާކޮށް، އެ ދެ ރަށުގެ ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބުކުރުން ކުރިއަށްދާނެއެވެ.

