ޕެންޝަނާ ބެހޭ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށައަޅާފައިވާ އިސްލާހުތަކަކީ ރަނގަޅު ބަދަލުތަކެއް ކަމަށް ކަމާ ގުޅުންހުރި ދައުލަތުގެ އިދާރާތަކުން ފާހަގަކޮށްފިއެވެ.
ޖަނަވަރީ މަހުގެ 4 ވަނަ ދުވަހު މަޖިލީހަށް ހުށައެޅި މި އިސްލާހުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ މާލީ ކަންތައްތަކާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއާއި، ޕެންޝަން އޮފީސް، ޕޭ ކޮމިޝަން އަދި މީރާއާ ބައްދަލުކޮށްފައެވެ.
މި އިސްލާހުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރޭގައި ގޯތި ގެދޮރު އިމާރާތްކުރުމާއި މަރާމާތަށް ޕެންޝަން ފައިސާ ބޭނުންކުރެވުމާއި، ޓަރމިނަލް އިލްނަސް ނުވަތަ ބޮޑެތި ބަލިތައް ތަޙައްމަލުކުރާ މީހުންނަށް ޕެންޝަން ފައިސާ ނެގޭގޮތަށް ހެދުން ހިމެނެއެވެ. މީގެ އިތުރުން، ޙައްޖުވުމަށްޓަކައި ކުރިއާލައި ޖާގަ ރިޒާވްކުރުމަށް ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކުރެވޭނެ ގޮތް ހެދުންވެސް މި އިސްލާހުތަކުގައި ހިމަނާފައިވެއެވެ.
ކޮމިޓީ ބައްދަލުވުމުގައި ފިނޭންސް މިނިސްޓްރީގެ ފަރާތުން ވާހަކަދައްކަވަމުން ވިދާޅުވީ، މިއީ ރަނގަޅު ބަދަލުތަކެއް ކަމަށް އެ މިނިސްޓްރީން ޤަބޫލުކުރާ ކަމަށެވެ. ނަމަވެސް، މި ބަދަލުތައް ތަންފީޒުކުރަން ފަށާއިރު އުސޫލުތަކާއި ޤަވައިދުތައް ފުށުނާރާނެހެން އެންމެ ރަނގަޅަށް އެކަށައެޅުމަށް އެ މިނިސްޓްރީން އެދިފައިވެއެވެ. ”ގަވައިދާއި އުސޫލުތަކުގެ ސަބަބުން ކުރިމަގުގައި އުފެދިދާނެ މައްސަލަތަކަށް ރިއާޔާތްކުރުން މުހިންމު. ފިނޭންސްއިން ޤަބޫލުކުރާ އިސްލާހުތަކެއް ހުށައަޅާފަވަނީ،“ ފިނޭންސް މިނިސްޓްރީގެ ފަރާތުން ފާހަގަކުރިއެވެ.
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ޕޭ ކޮމިޝަނުންވެސް ވަނީ މި ބަދަލުތަކަށް ތާއީދުކޮށްފައެވެ. އެ އިދާރާތަކުން ފާހަގަކުރި ގޮތުގައި، ގެދޮރުވެރިކަމާއި ބޮޑެތި ބަލިތަކުގެ ޙާލަތަކީ އާންމުން އެންމެ ބޮޑަށް މާލީ އެހީތެރިކަން ބޭނުންވާ ވަގުތުތައް ކަމަށްވާތީ، އެފަދަ ޙާލަތްތަކުގައި ޕެންޝަން ފައިސާ ބޭނުންކުރެވޭނެ ގޮތް އޮތުމަކީ ރައްޔިތުންނަށް ލިބޭނެ ބޮޑު ލުޔެކެވެ.
މީރާގެ ފަރާތުން މި ބައްދަލުވުމުގައި އެދިފައިވަނީ، ޕެންޝަން ފަންޑުން އެއްފަހަރާ ބޮޑު އަދަދަކުން ފައިސާ ދޫކުރާއިރު، އެއީ އާމްދަނީ ޓެކުހުގެ ތެރޭގައި ހިމެނޭނެ ފައިސާތޯ ނުވަތަ ނޫންތޯ ޤާނޫނުގައި ސާފުކޮށް ބަޔާންކުރުމަށެވެ. މީގެ އިތުރުން، ބައެއް މުވައްސަސާތަކުން ވަނީ މި ބިލާ ގުޅޭގޮތުން ލިޔުމުން ޚިޔާލާއި ލަފާ ހުށައެޅުމަށް އިތުރު މުޙުލަތަކަށް އެދިފައެވެ.

