ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ދަތުރުތައް މާދަމާއިން ފެށިގެން، ކުރީގެ އިންޓަނޭޝަނަލް ޓާމިނަލުން ކުރާ ގޮތަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހަމަޖައްސައިފިއެވެ. މި ބަދަލާއެކު މިހާރު ބޭނުންކުރަމުންދާ ޑޮމެސްޓިކް ޓާމިނަލް މާދަމާ ބަންދުކުރާނެއެވެ.
އެމްއޭސީއެލް އިން ވަނީ ވެލާނާ އެއާޕޯޓުގެ ޓާމިނަލް 2 އިން ޑޮމެސްޓިކް ދަތުރުތައް ފެށުމަށްޓަކައި އެތަނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، ޓާމިނަލް އެއްކޮށް މަރާމާތުކޮށްފައެވެ. މާދަމާއިން ފެށިގެން ރާއްޖޭގެ އެތެރޭގެ ހުރިހާ ވައިގެ ދަތުރުތަކެއް ކުރާނީ މި ޓާމިނަލުން ކަން އެމްއޭސީއެލް އިން ވަނީ ކަށަވަރުކޮށްދީފައެވެ. މި ޓާމިނަލް ރަސްމީކޮށް ހުޅުއްވައިދެއްވާނީ މާދަމާ ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފެވެ.
ވެލާނާ އެއާޕޯޓުގެ އާ އިންޓަނޭޝަނަލް ޓާމިނަލް ނުވަތަ ޓާމިނަލް 1 މިދިޔަ އަހަރުގެ ޖުލައި 26 ގައި ހުޅުވައި، މިދިޔަ އަހަރުގެ ނިޔަލަށް ހުރިހާ ބައިނަލްއަގުވާމީ އެއާލައިންތަކުގެ ދަތުރުތައް ވަނީ އެ ޓާމިނަލަށް ބަދަލުކޮށްފައެވެ. މި ބަދަލާއެކު ކުރީގެ އިންޓަނޭޝަނަލް ޓާމިނަލް ހުސްވުމުން، އެތަން ޑޮމެސްޓިކް ދަތުރުތަކަށް ހާއްސަކޮށްގެން ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.
ރާއްޖޭގައި މިހާރު އެތެރޭގެ އުދުހުންތަކުގެ ހިދުމަތް ދެމުން އަންނަނީ ތިން އެއާލައިނަކުންނެވެ. އެއީ ގައުމީ އެއާލައިން މޯލްޑިވިއަންގެ އިތުރުން މަންޓާ އެއާ އަދި ވިލާ އެއާ އެވެ. މާދަމާއިން ފެށިގެން މި ތިން އެއާލައިންގެ ދަތުރުތައް ވެސް ކުރިއަށްދާނީ އަލަށް ހުޅުވާ ޓާމިނަލް 2 އިންނެވެ.
ވެލާނާ އެއާޕޯޓުގައި ޒަމާނީ ފެންވަރުގެ ޓާމިނަލެއް ހަދަން މީގެ 12 ވަރަކަށް އަހަރު ކުރިން ފެށި ބިޔަ މަސައްކަތް އެއްކޮށް ނިންމާލައި، މިދިޔަ ޖުލައި މަހު ވަނީ ބޭނުންކުރަން ފަށާފައެވެ. އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ މި ޓާމިނަލުން މިހާރު 40 އަށް ވުރެ ގިނަ އެއާލައިނަކަށް ހިދުމަތް ދެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކޮށްގެން 2016 ވަނަ އަހަރު އާ ޓާމިނަލްގެ އަމަލީ މަސައްކަތް ފެށީ 300 މިލިއަން ޑޮލަރަށް ނިންމާ ގޮތަށެވެ. ނަމަވެސް، މަސައްކަތް އެއްކޮށް ނިމުނު އިރު މި ޕްރޮޖެކްޓްގެ ޖުމްލަ އަގު ވަނީ 457 މިލިއަން ޑޮލަރު (ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާ) އަށް އަރާފައެވެ.

