ބަންގްލަދޭޝްގެ އާ ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތުމަށް ނިންމަވައިފިއެވެ. ބަންގްލަދޭޝްގެ ދެޝްކަލް ނިއުސް އެޖެންސީން، ރާއްޖެ އާއި ބަންގްލަދޭޝްގެ ހާރިޖީ ބޭފުޅުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބަންގްލަދޭޝްގައި ބޭއްވި އާންމު އިންތިހާބު ކާމިޔާބުކުރީ އެ ގައުމުގެ ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިންނެވެ. މަޖިލީހުގެ 300 ގޮނޑީގެ ތެރެއިން، ބީއެންޕީ ހިމެނޭ ކޯލިޝަނަށް 209 ގޮނޑި ކާމިޔާބުވެފައިވާކަން ނަތީޖާތަކުން ދައްކައެވެ. މިއީ 2024 ވަނަ އަހަރު ބޮޑުވަޒީރު ޝެއިހް ހަސީނާގެ ވެރިކަން ވައްޓާލުމަށް ފަހު އެ ގައުމުގައި ބޭއްވި ފުރަތަމަ އިންތިހާބެވެ.
މި ރަސްމިއްޔާތުގައި ރައީސް މުއިއްޒުގެ އިތުރުން، ބޫޓާންގެ ބޮޑުވަޒީރު ސެރިންގް ތޮބްގޭ ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. ނަމަވެސް، ވެރިކަމުން ވައްޓާލި ޝެއިހް ހަސީނާ ހިމާޔަތް ހޯއްދަވައިގެން ހުންނެވި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައެއްނުގަންނަވާނެއެވެ. އިންޑިއާގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ ލޯކް ސަބާގެ ރައީސް އޯމް ބިރްލާ އާއި ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީއެވެ.
މީގެ އިތުރުން، ޕާކިސްތާނުގެ ޕްލޭނިން މިނިސްޓަރު އަހްސަން އިގްބާލް އާއި ނޭޕާލްގެ ފޮރިން މިނިސްޓަރު ބާލާ ނަންދާ ޝަރުމާ ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މިކަމާ ގުޅޭގޮތުން ދިވެހި ސަރުކާރުގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
ހަސީނާގެ ވެރިކަން ވައްޓާލުމަށް ފަހު އެކުލަވާލި ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރު މުހައްމަދު ޔޫނުސް ވަނީ ޖުމްލަ 13 ގައުމެއްގެ ވެރިންނަށް މި ރަސްމިއްޔާތަށް ދައުވަތު ދެއްވާފައެވެ. އޭގެ ތެރޭގައި ރާއްޖެ، ޗައިނާ، ސައުދީ އަރަބިއްޔާ، އިންޑިއާ، ޕާކިސްތާން، ތުރުކީ، ޔޫއޭއީ، ގަތަރު، މެލޭޝިއާ، ބުރޫނެއީ، ސްރީ ލަންކާ، ނޭޕާލް އަދި ބޫޓާން ހިމެނެއެވެ.

