ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް، އުރީދޫ މޯލްޑިވްސްއިން ކަސްޓަމަރުންނަށް ހާއްސަ ގިނަ އިނާޔަތްތަކާއި ޕްރޮމޯޝަންތަކެއް މިއަދު އިއުލާނުކޮށްފިއެވެ. އުރީދޫއިން ބޭއްވި ހާއްސަ ހަފްލާއެއްގައި މިކަންކަން ހާމަކުރެއްވީ އެ ކުންފުނީގެ އިސްވެރިންނެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން އުރީދޫގެ ސީއީއޯ ޝާދީ ޤަވަސްމީ ވިދާޅުވީ، މިއަދަކީ އެ ކުންފުންޏަށް ވަރަށް ހާއްސަ ދުވަހެއް ކަމަށެވެ. އެގޮތުން އޫކްލަރ އިން ހޮވާ ”ބެސްޓް ފިކްސްޑް ނެޓްވޯކް“ ގެ މަގާމު އުރީދޫއަށް ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މިއީ އުރީދޫ މޯލްޑިވްސްއަށް މި ޝަރަފު ލިބުނު ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި، މިއީ މުވައްޒަފުންގެ ބުރަ މަސައްކަތާއި ކުންފުނިން ކުރި އިންވެސްޓްމެންޓްތަކުގެ ނަތީޖާ ކަމަށް ޝާދީ ވިދާޅުވިއެވެ.
މި ކާމިޔާބީ ކަސްޓަމަރުންނާ އެކު ފާހަގަކުރުމުގެ ގޮތުން، ރޯދަމަހާ ދިމާކޮށް ހާއްސަ ޕެކޭޖުތަކަކުން ޑިސްކައުންޓު ދިނުމަށް ވަނީ ނިންމާފައެވެ. ސީއީއޯ ވިދާޅުވި ގޮތުގައި މީގެ މަގްސަދަކީ ކަސްޓަމަރުންނަށް ރަމަޟާން މަހު އާއިލާއާ އެކު އުފާވެރި ވަގުތުތަކެއް ހޭދަކުރުމަށް މަގުފަހިކޮށްދިނުމެވެ. މީގެ އިތުރުން، މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް އައު ގެމިފިކޭޝަން ކެމްޕޭނެއް ތައާރަފްކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިންޓަނެޓް ސްޕީޑްތަކަށް ބޮޑު ބަދަލެއް
އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވީ، މިފަހަރުގެ ރޯދަމަހާ ދިމާކޮށް އުރީދޫގެ ހަތަރު ޕެކޭޖެއްގެ ސްޕީޑް ވަރަށް ބޮޑަށް އަވަސްކޮށްލުމަށް ރާވާފައިވާ ކަމަށެވެ. އެގޮތުން ގެނެވޭ ބަދަލުތަކަކީ:
- 30 އެމްބީޕީއެސް ލިބޭ ޕެކޭޖު 100 އެމްބީޕީއެސް އަށް
- ސުޕަރނެޓް 50 އެމްބީޕީއެސް ލިބޭ ޕެކޭޖު 150 އެމްބީޕީއެސް އަށް
- 100 އެމްބީޕީއެސް ބޭނުންކުރާ ފަރާތްތަކަށް 200 އެމްބީޕީއެސް އަށް
- 200 އެމްބީޕީއެސް ބޭނުންކުރާ ކަސްޓަމަރުންނަށް 250 އެމްބީޕީއެސް އަށް
ނިޔާޒް ފާހަގަކުރެއްވި ގޮތުގައި މި ބަދަލުތައް ގެނައުމަށް ކަސްޓަމަރުން އެއްވެސް ކަމެއް ކުރާކަށް ނުޖެހޭނެއެވެ. ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި ހިދުމަތްތައް އޮޓޯއިން އަޕްގްރޭޑް ވެގެންދާނެއެވެ.
މީގެ އިތުރުން، މިދިޔަ އަހަރުވެސް ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބުނު ”ހާރުދަން“ ޕްރޮޑަކްޓް މިއަހަރުވެސް ލިބޭނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ. މި ޕެކޭޖުގެ ދަށުން ކޮންމެ ރެޔަކު ދަންވަރު 1:00 އިން ފެށިގެން ފަތިހު 5:00 އާ ހަމައަށް ހާއްސަ އިނާޔަތްތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން ވެސް ގިނަ ހަރަކާތްތަކެއް ރޯދަމަހަށް ރާވާފައިވާކަމަށް އުރީދޫއިން ބުނެއެވެ.

