ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި ޤާނޫނުއަސާސީއަށް ގެނައުމަށް ފާސްކޮށްފައިވާ އިޞްލާޙުތަކާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޤަރާރަކުން ނިންމަވައިފިއެވެ.
މި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ 2026 ފެބުރުވަރީ 10 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ”ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު“ ތަޞްދީޤުކުރެއްވުމުގެ ކުރިންނެވެ.
މި ބިލުގައި ހިމެނޭ އިޞްލާޙުތަކަކީ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ބިލު ތަޞްދީޤުކުރެއްވުމުގެ ކުރިން ރައްޔިތުންގެ ރުހުން އޮތްތޯ ބެލުން ލާޒިމުކުރާ ކަންކަމެވެ.
ޤާނޫނުއަސާސީގައިވާ ގޮތުން، މިފަދަ އިޞްލާޙެއް ތަޞްދީޤުކުރެވޭނީ ވޯޓުގައި ބައިވެރިވި މީހުންގެ އަޣުލަބިއްޔަތު އެކަމަށް ލިބިއްޖެ ނަމައެވެ. އަޣުލަބިއްޔަތު ނުލިބިއްޖެނަމަ އެ ބިލެއް ބާޠިލުވާނެއެވެ.
ވޯޓު ނަގާނެ ތާރީޚާއި ހުށަހަޅާނެ ސުވާލު
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައިވާ ގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުން އޮންނާނީ 2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހުއެވެ. މިއީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތާރީޚެވެ.
މި ވޯޓުގައި ރައްޔިތުންނަށް ހުށަހަޅާނެ ސުވާލަކީ: ”ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ ’ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު‘ ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމަށް ފެނޭ ހެއްޔެވެ؟“ މިއެވެ.
މި ވޯޓުގެ ރަސްމީ ނަތީޖާ އިޢުލާންކުރާތާ 15 ދުވަހުގެ ތެރޭގައި، ރައްޔިތުންގެ އަޣުލަބިއްޔަތު ލިބިފައިވާނަމަ ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަޞްދީޤުކުރައްވައި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވަން ޖެހޭނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ޤަރާރު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.

