ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަންގްލަދޭޝްގެ އައު ސަރުކާރު ހުވާ ކުރުމުގެ ރަސްމިއްޔާތަށް ރައީސް ފުރާވަޑައިގެންފި

ޝެއާރކޮށްލާ ކަހަލަދޯ؟

ބަންގްލަދޭޝަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ އެ ގައުމަށް ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ ބަންގްލަދޭޝްގައި ބޭއްވި ފުރަތަމަ ޑިމޮކްރެޓިކް އިންތިޚާބު ކާމިޔާބުކުރެއްވި އިންތިޚާބީ ބޮޑުވަޒީރު ތާރިގު އިބްރާހީމް މަގާމުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރި ގޮތުގައި، ރައީސް ބަންގްލަދޭޝަށް ފުރާވަޑައިގަތީ އެ ގައުމުގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒާ ޕްރޮފެސާ މުޙައްމަދު ޔޫނުސް ދެއްވި ދައުވަތަކަށެވެ. އިންތިޚާބީ ބޮޑުވަޒީރު ހުވައިކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 17، 2026 ގައެވެ. މި ދަތުރުފުޅަކީ ފެބްރުއަރީ 16 އިން 18 އަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގެ އިންތިޚާބީ ބޮޑުވަޒީރު ތާރިގު އިބްރާހީމްއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ޝައިޚް ޙަސީނާގެ ޒަމާންވީ ވެރިކަން ނިމުމަކަށް ގެނައި ޒުވާނުންގެ އިންގިލާބަށްފަހު އެ ގައުމުގައި އުފެދޭ އައު ސަރުކާރާއެކު ގުޅުން ބަދަހިކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

ދިވެހިރާއްޖެއާއި ބަންގްލަދޭޝާ ދެމެދު އޮންނަނީ ވަރަށް ޒަމާންވީ ގާތް ގުޅުމެކެވެ. ދެ ގައުމުގެ ދެމެދުގައި ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރެވުނީ ސެޕްޓެންބަރު 12، 1978 ގައެވެ. މިހާރުވެސް ބަންގްލަދޭޝްގެ ގިނަ އަދަދެއްގެ ރައްޔިތުން ރާއްޖޭގައި މަސައްކަތް ކުރަމުންދާއިރު، ރާއްޖޭގެ ގިނަ ދަރިވަރުންތަކެއް އެ ގައުމުގައި ތައުލީމު ހާސިލުކުރަމުންދެއެވެ. ޚާއްސަކޮށް ޑޮކްޓަރީކަން ކިޔަވާ ދިވެހި ދަރިވަރުން އެ ގައުމުގައި އިންޓާންޝިޕް ފުރިހަމަކުރާކަން ފާހަގަކުރެވެއެވެ.

އިގްތިސާދީ ގޮތުން ބަލާއިރު، ބަންގްލަދޭޝަކީ ރާއްޖެއަށް ގިނަ އަދަދަކަށް އަންނައުނު އެތެރެކުރާ ގައުމެކެވެ. އަދި ބަންގްލަދޭޝްގައި އުފައްދާ މުދާ ޔޫރަޕްގެ ބާޒާރުތަކަށް ފޮނުވުމުގައި ރާއްޖެއަކީ ’ސީ-ޓު-އެއާ‘ ކާގޯ ހަބެއްގެ ގޮތުގައި ބޭނުންކުރާ ގައުމެކެވެ. ރައީސްގެ މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރިއާއި ސިޔާސީ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: