އިންޑިއާ އަދި ޖަޕާނުގެ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެ މަސައްކަތްތަކުގެ ދުވެލި ކުރިއަރަމުންދާކަމަށް ބައިނަލްއަގުވާމީ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
ދުނިޔޭގެ ފަސް ވަނައަށް އެންމެ ބޮޑު އިގްތިސާދު އިންޑިއާ އަދި މީގެ ކުރިން އެ ހައިސިއްޔަތުގައި އޮތް ޖަޕާނުގެ ދެމެދު ގުޅުން ވަނީ އެތައް ޒަމާންތަކެއްގެ މަތިން ދެމެހެއްޓިފައެވެ. މިހާރު އައު ބާރެއް ޖެހިފައިވާކަން ފެނިގެންދާއިރު މައިގަނޑު ސަބަބެއްގެ ގޮތުގައި ފެނިގެންދަނީ ދެގައުމުގެ ދެމެދު ކުރެވޭ ސަގާފީ މަސައްކަތްތަކާއި އިގްތިސާދީ ގުޅުން ބަދަހިކުރުމަށް އެޅި ފިޔަވަޅުތަކުގެ އިތުރުން ޒަމާނީ ވަސީލަތްތައް އީޖާދު ކުރުމާއި އުފެއްދުމުގައި ދެ ގައުމުން އެކުގައި މަސައްކަތްކުރަމުންދިއުން މުހިންމު ދައުރެއް އަދާކުރެއެވެ.
ދެ ގައުމުގެ ގުޅުން މިހާރު ބަދަހިވެގެން ގޮސްފައިވާ މިންވަރަށް އައިސްފައިވަނީ ރައްޔިތުންގެ ދެމެދު ކުރެވޭ މުއާމަލާތްތައް އިތުރުވެގެންދިއުމާއިއެކު ޖަޕާނުން ކޮށްފައިވާ އިންވެސްޓުމެންޓުތައްވެސް ބޮޑުވުމުންނެވެ. އީޖާދީ ވަސީލަތްތައް ފަރުމާކުރުމާއި އުފެއްދުމުގެ މަސައްކަތްތަކުގައިވެސް ގހުޅުން ބޮޑެތި މަސައްކަތްތައް ކޮށްފައިވާއިރު ވަކި ވަކިން ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރުވެސް ދެ ގައުމުންވެސް އަނެއް ގައުމާއި ދެމެދު ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ފިޔަވަޅުތައް އަޅާފައިވާކަން ފެންނަކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
2025 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީ ޖަޕާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެެއިން ޖަޕާނުގެ ބޮޑުވަޒީރު ޝިގޭރޫ އިޝީބާވަނީ ވޭތުވެދިޔަ އަހަރުތަކުގެ މަތިން ހާރިޖީ ގުޅުންތައް ބަދަހިކުރުވިފައިވާ މިންވަރު ކަށަވަރުކޮށްދެއްވާފައެވެ. އަދި އިތުރު ހަރުފަތަކަށް ގެންދިއުމަށް އޭނާވަނީ ވައުދުވެވަޑައިގެންފައެވެ.
އޭނާ ވިދާޅުވީ ޖަޕާނާއި އިންޑިއާއަކީވެސް އެއް އަސާސްތަކެއް ބަލައިގަނެފައިވާ ދެ ގައުމުކަމަށެވެ. މީގެ ތެރޭގައި ބައިނަލްއަގުވާމީ ހަމަޖެހުން ގާއިމުކުރުމާއި މިނިވަން މާހައުލެއް ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތައް ހިމެނޭކަމަށެވެ. އަދި މިހާރު ހިނގަމުންދާ ކަންކަމަށް ރިއާޔަތްކޮށް ދެ ގައުމުން އަތުގުޅާލަންޖެހޭ ވަގުތު އައިސްފައިވާކަމަށްވެސް ފާހަގަކުރެއެވެ.
ޑިސެމްބަރު މަހުގެ ތެރޭގައިވެސް އެ އަހަރު ބޮޑުވަޒީރު މޯދީ ޖަޕާނަށް ދަތުރުކުރެއްވިއިރު މިހާރުގެ ބޮޑުވަޒީރު ސަނާއޭ ޓަކައީޗީވެސްވަނީ ކުރީގެ ބޮޑުވަޒީރު ޝިގޭރޫގެ ނިންމެވުމާއި އެއްގޮތަށް ކަންކަން ކުރިއަށްދާނެކަަން ޔަގީންކޮށްދެއްވާފައެވެ.

