މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް، އަސާސީ ބޭނުންތައް ފުއްދުމަށް ދަތިތަކާ ކުރިމަތިލާންޖެހިފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އިން ހިންގާ ހާއްސަ ހަރަކާތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އާކް އެއިޑުގެ މި ޕްރޮގްރާމަކީ މުޖުތަމައުގައި އެހީތެރިކަމަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ހަރަކާތެކެވެ. މީގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ކުޑަކުދީންގެ އާއިލާތަކާއި އެކަނިވެރި މައިންގެ އާއިލާތަކަށް އަސާސީ ބޭނުންތައް ފުއްދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.
މި އަހަރުގެ ޕްރޮގްރާމަށް ބޭންކުގެ މުވައްޒަފުން ފޯރުކޮށްދިން ދީލަތި އެހީތެރިކަމާއެކު، ޖުމްލަ 200 އަށްވުރެ ގިނަ ކުދީންގެ އާއިލާތަކަށް ބޭނުންވާ އަސާސީ ކާބޯތަކެތި ހިމެނޭ 100 އަށްވުރެ ގިނަ ޕެކް ވަނީ ހަދިޔާކޮށްފައެވެ. މިއީ ރަމަޟާން މަހުގެ ތެރޭގައި މިފަދަ އާއިލާތަކަށް ކުރިމަތިވާ ތާށިކަމަށް ލުޔެއް ހޯދައިދިނުމުގެ މަގްސަދުގައި ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުންނަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް އިޖުތިމާއީ ޒިންމާގެ ދަށުން އެކި ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ބައެކެވެ. އެގޮތުން މީގެ ކުރިންވެސް އާކް އެއިޑަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، މިދިޔަ އަހަރު ބޭންކުގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދީފައިވަނީ މަމްސް އެއިޑަށެވެ.

