ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ޕީޕަލްސް ޗޮއިސްގެ އައު ފިހާރައެއް ހުޅުމާލެ ފޭސް 1 ގައި ރޭ ރަސްމީކޮށް ހުޅުވައިފިއެވެ. މި ފިހާރަ ހުޅުވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދެވެ.
އެސްޓީއޯއިން ބުނި ގޮތުގައި، މި ފިހާރަ ހުޅުވުމުގެ މައިގަނޑު މަޤްސަދަކީ ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް، ރައްޔިތުންނަށް ބޭނުންވާ މުދާ ވީހާވެސް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ. ހުޅުމާލޭގެ އާބާދީ ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، މި އައުޓްލެޓާއެކު އެސްޓީއޯއިން ވިއްކާ މުދާތައް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހައިން ލިބިގެންދާނެއެވެ.
އަސާސީ މުދަލާއި މަޝްހޫރު ބްރޭންޑްތައް ލިބެން ހުންނާނެ
މި ފިހާރައިން ރަމަޟާން މަހަށް ޚާއްޞަކޮށްގެން އެސްޓީއޯއިން ތަޢާރަފުކުރި އަސާސީ ކާބޯތަކެތީގެ 23 ބާވަތް ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން އާއްމުކޮށް ބޭނުންކުރާ ގިނަ ބާވަތްތައް ހިމެނެއެވެ. މީގެ އިތުރުން، މާލޭގެ ޕީޕަލްސް ޗޮއިސްއިން ލިބޭ އެސްޓީއޯގެ އަމިއްލަ ބްރޭންޑްތަކުގެ އުފެއްދުންތަކާއި، ހިޓާޗީ، އެލްޖީ އަދި ފިލިޕްސް ފަދަ މަޝްހޫރު ބްރޭންޑްތަކުގެ ހޯމް އިމްޕްރޫވްމެންޓް ސާމާނުވެސް މި ފިހާރައިން ލިބެން ހުންނާނެއެވެ.
އެސްޓީއޯއިން ބުނީ މި ފިހާރައިން މިހާރު ހުރިހާ އަސާސީ ކާބޯތަކެތީގެ ބާވަތްތައް ރީޓެއިލްކޮށް ލިބެން ހުންނާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ހުޅުމާލޭގެ ވިޔަފާރިވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ހޯލްސޭލްކޮށް މުދާ ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއްވިއެވެ.
މި ފިހާރައަކީ ރަމަޟާން މަހާ ދިމާކޮށް ހުޅުވި ތަނެއް ނަމަވެސް، ރަމަޟާން މަހަށް ފަހުވެސް މި ފިހާރައިގެ ޚިދުމަތް މެދުނުކެނޑި އާއްމުންނަށް ލިބެމުންދާނެއެވެ. އެސްޓީއޯގެ މި އައު ފިހާރަ ހުންނާނީ ހުޅުމާލޭ ރީތިގަސް މަގުގައި ހުންނަ ރެއިން ކޮރަލް ރެޒިޑެންސްގައެވެ.

