1447 ވަނަ އަހަރުގެ ފިތުރު ޒަކާތް އޮންލައިންކޮށް ބަލައިގަންނަން ފަށައިފިއެވެ.
މޯލްޑިސް ޒަކާތު ހައުސް އިން ވިދާޅުވެފައިވާގޮތުގައި މި އަހަރުގެ ފިތުރު ޒަކާތް އޮންލައިންކޮށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ރަމަޟާން މަހުގެ 27 ވަނަ ދުވަހާއި ހަމައަށް ކަމަށެވެ.
އަދި އޮންލައިންކޮށް ޒަކާތް ނުދެއްކޭ މީހުންނަށް އިސްލާމިކް މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައި އެ އިންތިޒާމް ހަމަޖައްސައިދޭނޭކަމަށް ވަނީ ބުނެފައެވެ.
ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް އޮންލައިންކޮށް ޒަކާތް ދެއްކޭނެ އިންތިޒާމު ޒަކާތު ހައުސް އިން ހަމަޖައްސާފައިވާއިރު މިފަހަރު އޮންލައިންކޮށް ހަތް ޕްލެޓްފޯމަކުން ޒަކާތް ދެއްކޭނެއެވެ.
އޮންލައިންކޮށް ޒަކާތް ދެއްކޭނެ ގޮތްތައް:
- ދިރާގު އެޕް/ ދިރާގު ޕޭ (ވެބްސައިޓް)
- އުރީދޫ، އެމް ފައިސާ (އެޕްލިކޭޝަން)
- މޯލްޑިވްސް އިސްލާމިކް ބޭންކު (އެޕްލިކޭޝަން)
- ބޭންކް އޮފް މޯލްޑިވްސް މޯބައިލް (އެޕްލިކޭލޝަން)
- ފަހިޕޭ (އެޕްލިކޭޝަން)
- އަވަސް އެޕް
- ބަނޑޭރި ޕޭ
ބަނޑޭރި ފަހިޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ފިޠުރު ޒަކާތް ދެއްކޭނެކަމަށް ޒަކާތު ހައުސްއިން ބުނެއެވެ. އަދި މީގެ އިތުރުން އުމުރުން ދުވަސްވެފައިވާ ފަރާތްތަކާއި، އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ޚާއްޞަކޮށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމްތައްވަނީ ހަމަޖެހިފައެވެ.
ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާތީ، ރަމަޟާން މަހު ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ވަގުތުތައް ވެސް ޒަކާތު ހައުސްއިންވަނީ އިޢުލާންކުރައްވާފައެވެ. މިގޮތުން ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ވަގުތު ތަކަކީ :
22 ފެބްރުއަރީން 9 މާރިޗްއަށް: ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު: 10:00 އިން 13:00 އަށް
10 މާރިޗް އިން 19 މާރިޗްއަށް: ހުކުރު ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު: 11:00 އިން 14:00 އަށެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު:
- އާދައިގެ ހަނޑުލުންނަމަ 12 ރުފިޔާ
- ތައިލެންޑް ހުދު ހަނޑުލުންނަމަ 53 ރުފިޔާ
- ރަތް ހަނޑުލުންނަމަ 96 ރުފިޔާ
- ބަސްމަތީ އާދައިގެ ހަނޑުލުންނަމަ 77 ރުފިޔާ
- ބާސްމަތީ މޮޅު ހަނޑުލުންނަމަ 109 ރުފިޔާ
- ބާސްމަތީ އެންމެ މޮޅު ހަނޑުލުންނަމަ 136 ރުފިޔާ
- އާދައިގެ ފުށުންނަމަ 10 ރުފިޔާ އަދި
- އާޓާ ފުށުންނަމަ 75 ރުފިޔާ
ފިތުރު ޒަކާތަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ދެއްކުން ވާޖިބު، ދީނުގެ އެއް ރުކުނެވެ.

