މުޖްތަމައުގެ ކޮންމެ މީހަކީ ވެސް އަހުލާގު ރަނގަޅު، އެހެން މީހުންނަށް އިހުތިރާމު ކުރާ، އެހެން މީހުންނަށް ފުރަސައްރަ ނުކުރާ ބަޔަކަށް ވުމަށް މި ރޯދަ މަހު އަޒުމް ކަނޑައެޅުމަށް ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ސާޖިދާ މިހެން ވިދާޅުވީ ޕީއެންސީ ރޭ ކުރިޔަށް ގެންދިޔަ ކޮންގްރެސް ޕާޓީގެ ވިމެންސް ވިންގެ ހާއްސަ މާހެފުން ރަސްމިއްޔާތުގަ އެވެ.
ސާޖިދާ ވިދާޅުވެފައި ވަނީ އިންތިހާބަކަށް ތައްޔާރީތައް ވަމުން ދަނީ ރަމަޟާން މަހެއްގެ ތެރޭގައިކަން ދަނެ، އެކަކަކު އަނެކަކަށް އިހުތިރާމް ކުރުން ވަރަށް މުހިންމު ކަމަށެވެ. އެގޮތުން ބަދު ބަސްތައް ނުބުނުމާއި، ފުރައްސާރަ ނުކޮށް ކެމްޕެއިންގެ ހަރަކާތްތައް ކުރިޔަށް ގެންދިއުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.
ސާޖިދާ އެދިވަޑައިގެންފައި ވަނީ މިސްމީހުންނާއި، ވާހަކަ ދައްކާއިރު ބަދު ބަސްތައް ނުބުނުމަށެވެ. އަދި މުޖްތަމައުގެ ކޮންމެ މީހަކީ ވެސް އަހުލާގު ރަނގަޅު، އެހެން މީހުންނަށް އިހުތިރާމު ކުރާ، އެހެން މީހުންނަށް ފުރަސައްރަ ނުކުރާ ބަޔަކަށް ވުމަށް އަޒުމް ކަނޑައެޅުމަށް އެދިވަޑައިގަތެވެ.
ސާޖިދާ ވިދާޅުވި ގޮތުގައި ދީނީ ގޮތުން މާތް މަހަކާ ކުރިމަތިލާފައިވާއިރު، ދީނީ އަގީދާ ވަރުގަދަކުރުމާއެކު، އަޅުގަނޑުމެންނާ ހަވާލުވެފައިވާ ޒިންމާތައް ވެސް އެންމެ ފުރިހަމައަށް އަދާކުރަންޖެހެއެވެ.
ދީނީ ކަންކަމާ ހަމަ މި މަސައްކަތް ކުރާފަދައިން އަޅުގަނޑުމެންނާ ހަވާލުވެފައިވާ ޒިންމާތައްވެސް އަޅުގަނޑުމެން އަދާކުރަންޖެހޭނެ. ހަމައެކަނި ނަމާދުކޮށް ގުރުއާން ކިޔެވުމުން ޒިންމާ އަދާވީއެކޭ ނޫން،“ ފަސްޓްލޭޑީ ވިދާޅުވިއެވެ.
ސާޖިދާ މުޙައްމަދު އިތުރަށް ވިދާޅުވީ، ކޮންމެ މީހަކާ ހަވާލުވެފައިވާ ކަންތައްތައްވެސް އެންމެ ރަނގަޅަށް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އިންތިޚާބުގެ ތެރޭގައި ހިނގަމުންދާއިރު، އެކަކު އަނެކަކަށް ބަދުބަސް ބުނުމާއި ފުރައްސާރަކުރުމުން ރައްކާތެރިވުމަކީ ވެސް ކުރެވޭ އަޅުކަމެއްގެ ގޮތުގައި ބެލުމަށް އެކަމަނާ އެދިވަޑައިގެންނެވިއެވެ.
އެއީ އަޅުގަނޑުމެންގެ އަހުލާގު ރަނގަޅުކޮށް އަޅުގަނޑުމެން މީހުންނާ ކުރިމަތިލާއިރުގަ ނޫނީ މީހުންނާ ވާހަކަ ދައްކާއިރު އަދަބު އިހްތިރާމް ކުރުމާ މިހުރިހާ ކަންކަމަކީވެސް ހަމަ ދީނީ ގޮތުން އަޅުގަނޑުމެންނަށް ވަރަށް މުހިންމު ކަމެއް
އެކަމަނާ ވަނީ މި ރަމްޟާން މަހުގައި އަޚްލާޤު ރަނގަޅު، އެހެން މީހުންނަށް އިހްތިރާމްކުރާ އަދި ފުރައްސާރަ ނުކުރާ ބަޔަކަށް ވުމަށް އަޒުމް ކަނޑައެޅުމަށް ގޮވާލައްވާފައެވެ. އަދި ކެމްޕޭންގެ މަސައްކަތްތައް ވެސް މިފަދަ ރިވާޖުތަކުގެ ތެރެއިން ކުރިއަށް ގެންގޮސް، ކާމިޔާބީއަށް މަސައްކަތް ކުރުމަށް އެކަމަނާ ބާރުއެޅުއްވިއެވެ.

