ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގެ ”ސްކޫޕް ގްރޫޕް“ އަކީ ގޭންގެއްކަމަށް ކަނޑައެޅުމަށް ފޮނުވި މައްސަލަ އަންނަ ހަފްތާފައި ފަށަނީ!

ދިވެހިރާއްޖޭގެ ހައިކޯޓު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީ ހިތަދޫގައި ”ސްކޫޕް“ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ނުވަތަ ގޭންގެއްކަމަށް ކަނޑައަޅައިދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް އަންނަ އާދީއްތަ ދުވަހު ހައިކޯޓުގައި ފެށުމަށް ތާވަލުކޮށްފިއެވެ.

މިއީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ހައިކޯޓަށް ހުށަހެޅި މައްސަލަ އެކެވެ. މި މައްސަލައިގެ އަޑުއެހުން ތާވަލު ކުރެވިފައި ވަނީ، އާދީއްތަ ދުވަހުގެ މެންދުރު 12:50 އަށެވެ.

ގޭންގުތަކާ ބެހޭ ގާނޫނުގެ ދަށުން މިފަދަ މައްސަލައެއް ކޯޓަށް ހުށަހެޅި މިއީ ފުރަތަމަ ފަހަރެވެ.

މައްސަލަ ފޮނުވައި ޖީ އޮފީހުން ބުނީ، ”ސްކޫޕް“ ގްރޫޕަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ”އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް“ ގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާ، އަދި މިހާރުވެސް ކުށްކުރުމުގައި ހަރަކާތްތެރިވާ ގްރޫޕެއް ކަމަށެވެ.

މި މައްސަލައިގައި ޕީޖީ އޮފީހުން ހައިކޯޓުގައި އެދިފައިވަނީ ”ސްކޫޕް“، ”ސްކޫޕް ކަންމަތި“ ނުވަތަ ”އެސްކޭޕީ“ ގްރޫޕަކީ އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ކަމަށް ކަނޑައަޅައިދިނުމަށާއި، އެ ގްރޫޕަށް ނިސްބަތްވާކަމަށް ފާހަގަކުރެވޭ 9 މީހަކީ އެ ގްރޫޕުގެ މެންބަރުން ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި އެ ގްރޫޕާ ގުޅުން އޮތް ކަމަށް ބެލެވޭ ”އެސް ކޭ ޕީ ސްޕޯޓްސް ކްލަބް“ އުވާލުމަށް ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މައްޗަށް އަމުރުކޮށްދިނުމަށާއި، އައްޑޫގެ އެކި ސަރަހައްދުތަކުގައި ”ސްކޫޕް“ އާއި ގުޅޭ ނަންތައް ލިޔެފައިވާ ފާރުތަކުން އެ ނަންތައް ފޮހެލުމަށް އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށްދިނުމަށް ވަނީ އެދިފަ އެވެ.

ގާނޫނުގައި ބަޔާންކުރާ ގޮތުން ”އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕް“ އަކީ ޖިނާއީ ބޮޑެތި ކުށްތައް ކުރުމަށް ނުވަތަ މާއްދީ މަންފާ ހޯދުމަށް ގުޅިގެން މަސައްކަތްކުރާ ތިން މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުންގެ މައްޗަށް އެކުލެވޭ ގްރޫޕްތަކެވެ. ކޯޓުން މިއީ ގޭންގެއް ކަމަށް ކަނޑައަޅައިފިނަމަ، އެ ގްރޫޕާ ދެކޮޅަށް ގާނޫނީ ގޮތުން އަޅަންޖެހޭ ހަރުކަށި ފިޔަވަޅުތައް ފުލުހުން އަޅާނެ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ދިވެހިރާއްޖޭގައި އިންތިޒާމުވެގެން ކުށްކުރާ ގްރޫޕްތައް ހުއްޓުވައި ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި ދައުލަތުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރަމުން ދާނެ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.

އެގޮތުން ކުރިއަށް އޮތް ތަނުގައިވެސް ޤާނޫނުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާ ކުށްކުރާ ގްރޫޕްތަކާމެދު ޤާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: