ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ޑޮމެސްޓިކް ޓަރމިނަލްގެ އޮޕަރޭޝަންސްތައް، ކުރީގެ އިންޓަރނޭޝަނަލް ޓަރމިނަލްއަށް ބަދަލުކޮށްފިއެވެ.
ޑޮމެސްޓިކް ޓަރމިނަލްގެ އޮޕަރޭޝަންތައް، ޓަރމިނަލް 2 އަށް ބަދަލުކުރުމުގެ ގޮތުން މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަޠީފް އެވެ.
މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުން، އެމްއޭސީއެލްގެ ބޯޑް މެންބަރުން އަދި އެމްއޭސީއެލްގެ އިސްވެރިންނާއި ޓަރމިނަލްގެ އޮޕަރޭޝަންސްތައް ބަދަލުކުރުމުގައި ހަރަކާތްތެރިވި މުވައްޒަފުން ބައިވެރިވިއެވެ.
ޑޮމެސްޓިކް ޓަރމިނަލްގެ އޮޕަރޭޝަންސްތައް ކުރީގެ އިންޓަރނޭޝަނަލް ޓާމިނަލް ނުވަތަ ޓަރމިނަލް 2 އަށް ބަދަލުކޮށްފައި މިވަނީ ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހުއެވެ.
މި ބަދަލުތައް ގެނައުމުގެ މަސައްކަތް ކޮށްފައި ވަނީ އެމްއޭސީއެލްގެ އެކި ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނެވެ.
އެގޮތުން ކުރީގެ ޑޮމެސްޓިކް ޓަރމިނަލްގައި 8 ޗެކް-އިން ކައުންޓަރު ހުރި ނަމަވެސް، ޓަރމިނަލް 2 ގައި ޗެކް-އިން ވުމަށް 27 ކައުންޓަރު ހުންނާނެއެވެ. އަދި ސެކިއުރިޓީ ކްލިއަރެންސްއަށް 3 މެޝިން ބެހެއްޓިފައިވާއިރު، 6 ޑިޕާޗާ ގޭޓު ހުންނާނެއެވެ.
މީގެ އިތުރުން ޓަރމިނަލް 2ގައި އަންހެން އަދި ފިރިހެން ބޭފުޅުންނަށް ވަކި ދެ ނަމާދު ކޮޓަރިއާއި ކުޑަކުދިންގެ ކުޅޭ ސަރަހައްދަކާއި އެފްއެންޑްބީގެ ތިން އައުޓްލެޓް ހުންނާނެއެވެ. އަދި އަންނަ ފަސިންޖަރުންގެ ދަބަސްތައް ނެގުމަށްވެސް ބޮޑު ބަދަލެއް ވަނީ ގެނެސްފައެވެ. އެގޮތުން ޓަރމިނަލް 2 ގައި ކުރީގެ ޑޮމެސްޓިކް ޓަރމިނަލްގައި ހުރި ބެގޭޖް ބެލްޓަށްވުރެ ހަތަރު ގުނަ ބޮޑު ދެ ބެލްޓް ވަނީ ބެހެއްޓިފައެވެ.
މި ބަދަލުގެ މައިގަނޑު މަގުސަދަކީ ކުރީގެ ޑޮމެސްޓިކް އެއަރޕޯޓުގައި ކުރިމަތިވާ ތޮއްޖެހުން ކުޑަކޮށް، ދަތުރުކުރައްވާ ފަސިންޖަރުންނަށް ވީހާވެސް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމެވެ.

