ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯދަމަހުވެސް ރައްޔިތުންނަަށް ކުޑަމިނުން މަސްދަޅު ކޭހެއްވެސް ދިއްކޮށްލަން ކެރުނީ ރައީސް މުއިއްޒުއަށް: ފަލާހު

ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރޯދަމަހު ރައްޔިތުންނަށް އެންމެ ކުޑަމިނުން މަސްދަޅު ކޭހެއްވެސް ދިއްކޮށްލަން ކެރުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއަށް ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ. ފަލާހު މިހެން ވިދާޅުވީ ރައީސް މުއިއްޒަކީ އޯގާތެރި ވެރިއެއްކަން ފާހަގަކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ފަލާހު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިފަހުން ކޮންމެ ރޯދަމަހަކުވެސް ރައްޔިތުންނަށް ރޯދަ ހަދިޔާ ދެމުންދާ ކަމަށެވެ. މީގެ ކުރިން ރާއްޖޭގައި ވެރިކަން ކުރެއްވި އެއްވެސް ބޭފުޅަކަށް އެންމެ ކުޑަމިނުން މަސްދަޅު ކޭހެއްވެސް ރައްޔިތުމީހާއަށް ދިއްކޮށްލަން ނުކެރުނު ނަމަވެސް، ރައީސް މުއިއްޒު ގެންދަވަނީ ކޮންމެ އަހަރެއްގެ ރޯދަމަހު ލައްކައަކަށްވުރެ ގިނަ މަސްދަޅު ކޭސް ރައްޔިތުންނަށް ހަދިޔާކުރައްވަމުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ދައުލަތަށް ލިބޭ ފައިސާ އެންމެ ރަނގަޅު ގޮތުގައި ރައްޔިތުންނަށް ފައިދާހުރި ގޮތުގައި ބޭނުންކުރައްވަނީ ރައީސް މުއިއްޒު ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.

ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ރައްޔިތުންނާ ވަރަށް ގާތުންކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވީ، ރައީސް ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އަޑުއައްސަވާފައި ކަމަށެވެ. މިގޮތުން މާލޭގެ އިސްރައްވެހިންނާއި، އަތޮޅުތެރޭގެ ރައްޔިތުންނާއި، ވިޔަފާރިވެރިންގެ އިތުރުން ކިޔަވާކުދިންނާވެސް ރައީސް ބައްދަލުކުރައްވާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގެ ޖޫރިމަނާ އެއްކޮށް މައާފުކޮށްދެއްވައި، ކޮންމެ ފްލެޓެއްގެ ވެރިފަރާތަށް އެއްލައްކަ ރުފިޔާގެ އިނާޔަތެއް ދެއްވުމަށް ރައީސް ނިންމަވާފައިވާކަން ފަލާހު ފާހަގަކުރެއްވިއެވެ. އަދި ހުޅުމާލޭގެ ފްލެޓުތަކުގެ ޖޫރިމަނާ އާއި ކުލީގެ ލުއިތައް ދެއްވުމަކީވެސް ރައްޔިތުންނަށް ވެދެއްވި ބޮޑު އެހީތެރިކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

އިދިކޮޅު އެމްޑީޕީއަށް ފާޑުވިދާޅުވަމުން ފަލާހު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި ރައްޔިތުންނަށް ވީ އެއްވެސް ފައިދާއެއް ނެތް ކަމަށެވެ. އެ ޕާޓީގެ ވެރިކަމުގައި ހަދިޔާ ބަހައި ވަޒީފާ ދީފައިވަނީ ހަމައެކަނި އެޕާޓީއަށް ނިސްބަތްވާ މީހުންނަށް ކަމަށާއި، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ފުނޑާލީވެސް އެމްޑީޕީން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ފަލާހު ވިދާޅުވީ، މިއަދު ދިވެހި ރައްޔިތުންނަކީ ކަންކަން ނޭނގޭ ބައެއް ނޫން ކަމަށާއި، ދިވެހިންނަކީ މިއަދު ތަންދޮރު ދަންނަ، ވިސްނޭ އަދި ހޭލުންތެރި ބައެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: