މި އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ އިޙްޔާ ފޯރަމްތަކުގެ ފުރަތަމަ ފޯރަމް މިރޭ ފެށިގެންދާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެގޮތުން، މިރޭ އޮންނަ ފޯރަމްގެ މަޢުޟޫއަކީ ”ރަމަޟާން މަހުގެ މަތިވެރިކަން“ މިއެވެ. މިރޭގެ ފޯރަމްގައި ތަޤުރީރުކުރައްވާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ. ފޯރަމް ފަށާނީ 21:30 ގައެވެ.
މި އަހަރު މުޅި ޖުމުލަ 18 އިޙްޔާ ފޯރަމް އޮންނާނެ ކަމަށާއި، އޭގެތެރެއިން 8 ފޯރަމް މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައިއެވެ.
މާލޭގައި ކުރިޔަށް ގެންދާ އިޙްޔާ ފޯރަމްތައް މިރެއިން ފެށިގެން މިއަންނަ މާރިޗު މަހުގެ 15އާ ހަމައަށް ކުރިޔަށްގެންދާނެއެވެ. މި ފަހަރު ޖަލްސާތައް ކުރިޔަށް ގެންދިއުމަށް ހަމޖެހިފައިވަނީ ކޮންމެ ހޯމަ ވިލޭރޭއާއި ހުކުރު ވިލޭރޭ ކަމުގައި އިސްލާމީ ވުޒާރާއިން ވިދާޅުވިއެވެ.
މި ވުޒާރާއިން ވިދާޅުވީ އަތޮޅުތެރޭގެ 10 ރަށެއްގައި އިޙްޔާ ފޯރަމް ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މި ފޯރަމްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މި މަހު 20 ވަނަ ދުވަހުން ފެށިގެން މާރިޗު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
އިޙްޔާ ފޯރަމް ބާއްވާ ރަށްތަކާއި ދުވަސްތައް
- ތ. ދިޔަމިގިލި: 20 ފެބުރުވަރީ
- ތިނަދޫ ސިޓީ: 23 ފެބްރުއަރީ
- ގދ. މަޑަވެލި: 24 ފެބްރުއަރީ
- ގދ. ގައްދޫ: 25 ފެބްރުއަރީ
- ހއ. އިހަވަންދޫ: 27 ފެބްރުއަރީ
- ޅ. ނައިފަރު : 3 މާރިޗު
- ކ. ހިންމަފުށި: 4 މާރިޗު
- ކ. ގުރައިދޫ: 6 މާރިޗު
- ލ. މާވަށް: 9 މާރިޗު
- ރ. މީދޫ: 11 މާރިޗު
އިޙްޔާ ފޯރަމްތަކަކީ، ތަފާތު އެކި މަޢުޟޫތަކަށް ދަރުސްދީ، އާއްމުންނަށް ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލަިއިގެން ކުރިޔަށް ގެންދާ ފޯރަމުތަކެކެވެ. މި ފޯރަމުގެ މައިގަނޑު މަގުސަދަކީ ދީނީގޮތުން އޮޅުން އަރާ ކަންކަމުގައި ފަސޭހައިން މަޢުލޫމާތުތައް ލިބޭނެ ގޮތް ހަމަޖެއްސުމަށްކަމުގައި އެ ވުޒާރާއިން ވިދާޅުވިއެވެ. މީގެއިތުރުން ދިނީ ފޮތްތައް ހަދިޔާ ކުރުމާއި، އެކިއެކި އިނާމުުތައް ފޯރަމުގެ ތެރެއިން އަންނަނީ ދެމުންނެވެ.
މީގެ އިތުރުން، މިއަހަރު މީސްމީޑިއާ މެދުވެރިކޮށް، އާއްމުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް ވީޑިއޯ ކޮންޓެންޓުތައް އުފެއްދުމަށް ހަމަޖެހިފައިވާ ކަމަށާއި މުވައްސަސާތަކާއި ޖަމިއްޔާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން، ރަމަޟާން މަހު އަޅުކަމަށް އަހައްމިއްޔަތު ދިނުމާއި، ވަގުތު އެންމެ އެކަށީގެންވާ ގޮތެއްގައި ހޭދަކުރާނެ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަންތަކެއް ބާއްވާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

