މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށް ހާއްސަކޮށްގެން ދިރާގުން ގެންގުޅޭނެ ޝިއާރާއި، ކަސްޓަމަރުންނަށް ހާއްސަ ގިނަ ޕްރޮމޯޝަންތަކެއް އިއުލާނުކޮށްފިއެވެ. މިއަހަރު ދިރާގުން އެންމެ ބޮޑު އިސްކަމެއް ދެނީ އާއިލީ ގުޅުން ބަދަހިކުރުމަށެވެ.
ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވިގޮތުގައި، ދިރާގަކީ އަބަދުވެސް ދިވެހި މުޖުތަމައު ގުޅުވައިދީ، ގުޅުން ބަދަހިކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެކެވެ. އެގޮތުން މި ރަމަޟާން މަހުގެ ޝިއާރު ކަމަށްވާ ”އާއިލީ ގުޅުން“ މެދުވެރިކޮށް، ކިތަންމެ ދުރުގައި ތިބި ނަމަވެސް އާއިލާއާ އޮންނަ ގާތްކަން ދެމެހެއްޓުމުގެ މުހިންމުކަން ހަނދާންކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި އަހަރުގެ އެންމެ ހާއްސަ އެއް ހަރަކާތަކީ ދިރާގު އެޕް މެދުވެރިކޮށް ކުރިއަށްގެންދާ ”ކާށި ބިނދެގެން ޗައިނާއަށް“ ދިއުމުގެ ފުރުސަތެވެ. ކޮންމެ ދުވަހަކު މި ގޭމް ކުޅެގެން 2ޖީބީ ޑޭޓާ ހޯދުމުގެ ފުރުސަތު ލިބޭއިރު، ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ދެ މީހެއްގެ ޗައިނާ ދަތުރެއް ލިބިގެންދާނެއެވެ.
ރަމަޟާން މަހުގެ ރޭގަނޑުގެ ވަގުތުތަކަށް ހާއްސަކޮށްގެން ދިރާގުން ވަނީ ތަރާވީސްދަމާއި ހާރުދަމަށް ހާއްސަ އޮފަރތަކެއް ތައާރަފުކޮށްފައެވެ. އެގޮތުން ރޭގަނޑު 9:00 އިން ދަންވަރު 1:00 އަށް ބޭނުންކުރެވޭ ގޮތަށް 35 ރުފިޔާއަށް އެއް ދުވަހުގެ ޑޭޓާ އަދި 199 ރުފިޔާއަށް 28 ދުވަހުގެ ޑޭޓާ ލިބޭނެއެވެ. މީގެ އިތުރުން ދަންވަރު 1:00 އިން ފަތިހު 4:00 އާ ދެމެދު އެއް ގަޑިއިރަށް އަންލިމިޓެޑް ޑޭޓާ ނުވަތަ ވޮއިސް ކޯލްސް މުޅިން ހިލޭ ލިބޭނެއެވެ.
ދިރާގުން ވަނީ އިޖުތިމާއީ ޒިންމާގެ ދަށުން ވެސް މުހިންމު މަސައްކަތްތަކެއް ރާވާފައެވެ. ”ޑޮނޭޓް އަ މީލް“ މެދުވެރިކޮށް ބިދޭސީންނަށް އިފްތާރު ޕެކް ހަދިޔާކުރެވޭއިރު، ”ޑޮނޭޓް ޓު އަ ފެމިލީ“ މެދުވެރިކޮށް އެހީއަށް ބޭނުންވާ އާއިލާތަކަށް ކެއަރ ބާސްކެޓް ހަދިޔާކުރެވޭނެއެވެ. ދިރާގުން ވަނީ މި ހަރަކާތުގެ ދަށުން 100 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައެވެ. އަދި ދިރާގުޕޭ މެދުވެރިކޮށް ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކުމުގެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން، ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިތުރު އަގަކާ ނުލައި ލިމިޓެއްނެތް ޕެކޭޖުތަކަށް އަޕްގްރޭޑްކުރުމުގެ ފުރުސަތާއި، އާއިލާގެ މެމްބަރުންގެ މެދުގައި ޑޭޓާ ހިއްސާކުރެވޭ ”ސަޅި އާއިލާ“ ޕްރޮމޯޝަން ވެސް މި ރަމަޟާން މަހު ކުރިއަށްދާނެއެވެ.

