މި ރަމަޟާން މަހު މޯލްޑިވްސް އިމިގްރޭޝަނުން މާލެއާއި ރަށްރަށުގައި ޚިދުމަތްދޭނެ ރަސްމީ ގަޑިތައް އެ އިދާރާއިން އާންމުކޮށްފިއެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، އާންމު ދުވަސްތަކެކޭ އެއްފަދައިން ރަމަޟާން މަހުގެ ކޮންމެ ވަގުތެއްގައިވެސް ’އިމުގާ‘ ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.
މާލެ ސަރަހައްދުގައި ޕާސްޕޯޓާ ހަވާލުވުމަށްޓަކައި ’ކިއުބީ‘ މެދުވެރިކޮށް ނަންބަރު ދޫކުރާނީ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެ ހެނދުނު 09:15 އިން މެންދުރު 13:00 އަށެވެ. އަދި ހުކުރު ދުވަސްތަކުގައި ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 09:15 އިން 11:00 އަށެވެ. ރަށްރަށުގައި ހުންނަ އިމިގްރޭޝަން އޮފީސްތަކުން ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރާނީ ހެނދުނު 09:15 އިން މެންދުރު 12:00 އަށެވެ.
މީގެ އިތުރުން، މެޑިކަލް އިމަރޖެންސީ ފަދަ ޒަރޫރީ ހާލަތްތަކުގައި ޕާސްޕޯޓުގެ ޚިދުމަތް ބޭނުންވާ ފަރާތްތަކުން 9555333 އަށް ގުޅުއްވައިގެން ކުރިއަށްގެންދިއުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
ވިސާގެ ޚިދުމަތްތަކަށް ބަލާއިރު، އީ-ވިސާއަށް އެދި ’އިމުގާ‘ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ހުށަހެޅޭނެއެވެ. ނަމަވެސް، ސްޓަރ ކްލައުޑްސް ބިލްޑިންގުގެ 8 ވަނަ ފަންގިފިލާއިން ވިސާގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 09:00 އިން މެންދުރު 13:00 އަށެވެ. އަދި އެންފޯސްމަންޓު އެންޑް ކޮމްޕްލަޔަންސް ޑިވިޜަނުން ފޯރުކޯށްދޭ ރިޕެޓްރިއޭޝަންއާ ގުޅުންހުރި ޚިދުމަތްތައް ހެނދުނު 09:00 އިން މެންދުރު ފަހު 14:00 އަށް ލިބޭނެއެވެ.
ސީޕޯޓުގެ ޚިދުމަތްތައް ރަމަޟާން މަހު ދިނުމަށް ހަމަޖެހިފައިވަނީ ތަފާތު ދަންފަޅިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ހުކުރު ދުވަސް ނޫން އެހެން ދުވަސްތަކުގައި ފަތިހު 05:20 އިން މެންދުރު 12:00 އަށް، މެންދުރު 13:00 އިން ހަވީރު 17:30 އަށް، އަދި ރޭގަނޑު 20:00 އިން ފަތިހު 04:00 އަށް ޚިދުމަތް ލިބޭނެއެވެ.
ހުކުރު ދުވަހު ސީޕޯޓުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ފަތިހު 05:30 އިން ހެނދުނު 08:00 އަށް، މެންދުރު ފަހު 14:30 އިން ހަވީރު 17:30 އަށް އަދި ރޭގަނޑު 20:00 އިން ފަތިހު 04:00 އަށެވެ. މީގެ އިތުރުން، ކުޅުދުއްފުށި، އުލިގަން އަދި ހިތަދޫ ސީޕޯޓު އޮފީސްތައް ހުޅުވިފައި ހުންނާނީ ހެނދުނު 09:00 އިން މެންދުރު 13:00 އަށް ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ.

