ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޢިލްމުވެރިންނޭވެ: ދާހިލީ ބޮޑު ހަމަ ނުޖެހުމެއް ނުހިނގަނީސް ހަރުކަށިކަމާއި ބޯހަރުކަންދޫކޮށް ސިޔާސީ ތާކިހާ އެއްލާލާ!

ޝެއާރކޮށްލާ ކަހަލަދޯ؟

އަޅުގަނޑުމެން ދިވެހިންނަކީ ހާދަހާ ފަހުރުވެރި ބޮޑު ނިއުމަތެއް އިލާހީ ޙަޟުރަތުން ދެއްވާފައިވާ ބަޔަކީމުއެވެ. ނިކަން ވިސްނަވާށެވެ. އިމްތިހާނީ މި އާލަމަށް އިންސާނުން ފޮނުވާފައިވަނީ ﷲ އަމުރުކުރެއްވި މަގުގައި ސާބިތުވެ ތިބެ މަރުވެދިއުމަށެވެ. ﷲގެ ދީނަށް އުޅެ އިސްލާމްދީނުގެ ރިވެތި އުސޫލަތުން މީހާ ތަރުބިއްޔަތުވެ، ބަހުންނާއި ޢަމަލުން އެކަންކަން ދެއްކުމަކީ އިސްލާމްކަމުގެ މައިގަނޑު އަސާސެވެ. އެ ދީނަށް އުޅެ އިސްލާމަކަމާއި އީމާންކަންމަތީގައި ދުނިޔަވީ ޙަޔާތް އުޖާލާކޮށްފި މީހާއަށް އާޚިރަތުގައި އޮތީ ރޯޝަންކަމެވެ. އެ ފަރާތްތަކަށް ﷲ ވަނީ ސުވަރުގެ ތައްޔާރުކޮށްފައެވެ. ދުނިޔެމަތީގެ ލައްޒަތާއި ޢިއްޒަތަށް ވުރެ މާ އުސް މާ ވަރުގަދަ ހައިސިއްޔަތުތަކެއް އެތަނަށް ލިބިގެންވެއެވެ.

ދުނިޔަވީ ޙަޔާތުގައި ޣާފިލްކަމާއި ކަންނެތްކަން އިސްކޮށް، އިސްލާމްކަމާއި އީމާންކަމުގެ ފޭރާން ދޫކޮށްފި މީހާއަށް އޮތީ ދެ ދުނިޔޭގެ އަބާއްޖަވެެރިކަމެވެ. ނާކާމިޔާބެވެ. އެ މީހުންނަށް ޚާއްސަކޮށް ﷲ ވަނީ ނަރަކަ ތައްޔާރުކޮށްފައެވެ. އެއީ އަދައަދައި ހުންނަ ނަރަކައިގެ އަލިފާނެވެ.

ރިޕޯޓް ފަށަމުން އަޅުގަނޑުމެންގެ ނަސީބުގެ ވާހަކަ އަޅުގަނޑު ފާހަގަކުރީ ބައިވަރު ސަބަބު އެބަހުއްޓެވެ. އެންމެ ފުރަތަމަ ސަބަބަކީވެސް އިސްލާމް ދީނެވެ. މީލާދީ ސަނަތުން 1153 ވަނަ އަހަރު އިސްލާމް ދީނުގެ މަތިވެރި ހިދާޔަތް އަޅުގަނޑުމެންގެ މި ކުޑަކުޑަ މީސްކޮޅު އުޅޭ ދިވެހިރާއްޖެއަށް ލިބުމަކީ މި ދުނިޔެ މަތީގައި މި ޤައުމަށް ލިބޭނެ އެންމެ ހެޔޮ ނަސީބެވެ. އެންމެ މަތިވެރި ޝަރަފެވެ.

އިސްލާމީ މި ޤައުމުގައި ދިރިއުޅެމުންދާ މުސްލިމުންނަށް ދީނީ ކަންކަމުގައި އެންމެ މުހިންމުވަނީ ދީނީ ޢިލްމުވެރިންގެ ރައުޔު ނުވަތަ އެމީހުން ބޭނުންވާ ކަންކަމުގަ މައުލޫމާތު އުނގަންނައިދޭނެ ޢިލްމުވެރިންނެވެ. ދީނީ ކަންކަމުގަ ސުވާލު އުފެދޭ ހާލަތުގައި ދީނުގައި އޮންނަ ރަނގަޅު ގޮތް ބުނެދީ އިސްލާމް ދީނުގެ މަތީގައި މުޅި އުންމަތް ބޭއްވުމަކީ ޢިލްމުވެރިންގެ ދީނީ އަދި ޤައުމީ ޒިންމާއެކެވެ.

ހިތާމައިގެ ކޮޅެއްވެސް ނެތެވެ. އަދު އަޅުގަނޑުމެންގެ ޤައުމުގެ ޙާލަތު މިއަށްގެން ހަލާކުގެ މަގަށް ކަހާލަނީއެވެ. ހަރުކަށި ފިކުރާ، މަޑު ކަށި ފިކުރާ، ހައްދު ފަހަނައެޅުމާއި، ސެކިއުލަރ ވިސްނުން މި ޤައުމުގެ ތެރޭގައި އޮޅުން ބޮޅުން އަރާވަރަށް ކުރިއަރައިގެން ދަނީއެވެ. އަދު އަޅުގަނޑުމެންގެ ޤައުމުގަ މީހެއްގެ ފުރާނައަކީ ފޭރުމަށްޓަކާ ދުއްވާލާ އެއްޗަކަށް ވެއްޖެއެވެ. މަސްތުވުމާއި މަސްތުވާތަކތީގެ ވިޔަފާރި އާންމުވެއްޖެއެވެ. އަނެކާގެ ޙައްޤަށް އަރައިގަތުމަކީ ހޮބީއަކަށް ހަދައިފިއެވެ. އިންސާނާގެ ލޭ ހުއްދަ ކުރަން ވީމަ އަމިއްލައަށް އެކަންވެސް ކޮށްލަނީއެވެ. ފުރާނައިގެ އަގެއްވެސް ނެތެވެ. ދީނަށް އުޅެން ބޭނުން މީހަ އޭނާ ބޭނުންވާ ގޮތަކަށް އުޅެމުން ގެންދަނީއެވެ. އޭނާ ގަބޫލުކުރާ ހަމަތަކާއި އިންސާފު އަދު އުސޫލުތަކުގެ މަތީގައެވެ. ދީނުން ބޭރުވާ މީހާ އޭނާ ބޭނުންގޮތަކަށް އެކަންކަންވެސް ކުރަނީއެވެ.

ކޮންފަދަ ބިރުވެރި، ނުބައި މަންޒަރެއްތޯއެވެ. އަދު ޤައުމުގެ ޙާލަތު މިހާ ގޯސްވެ ދީނީގޮތުން ބަލިކަށިވެ ރައްޔިތުން ބޮލަށް ޗިޕް ޖަހާލަން އަދު ފަސޭހަވެއްޖެއެވެ. ހަނގުރާމަކުރުމަަށް ސީރިޔާއަށް ޒުވާނުން ފޮނުވީ އެކަމުގެ އަޑީގައި ދީނީ ކޮންމެވެސް ބަޔަކު ތިބެެގެން ކަން ޔަގީނެވެ. ފަރުދާގެ ފުރަގަހުގައި ތިބެގެން މި ކުޅިގަނޑުވެސް ބަޔަކު ކުޅެފިއެވެ.

ހައްދުފަހަނާޅާފައިވާ ފިކުރު އަތް ނުފޯރާފަށަށް ގޮސް، ދައުލަތަކީ ކުފުރު ދައުލަތަކަށްވެ، އެބައެއްގެ ފިކުރާ ނުގުޅޭ މީހުންނަށް ހަމަލަދިނުންވެސް ހުއްދަވެ، ދީނަށް އުޅޭކަމަށްބުނެ ބޮޑެތި ޖިނާޢީ ކުށްކުށަށް އަރައިގަނެ، އުމުރުން ބާރަ ތޭރަ އަހަރު ނުވާ އަންހެން ކުދިންނާ ކައިވެނިކޮށްގެން ވަކި ޖަމާޢަތް ހަދައިގެން އުޅޭ އެތައް އާއިލާއެއް މި ރާއްޖޭގައި އުޅެމުންދާކަމީ އަދު ދެބަސްވެވެން ނެތް ހަގީގަތެކެވެ.

މިފަދަ ހައްސާސް މައްސަލައެއްގައި، ރައްޔިތުންގެ އަމާންކަމާއި ސަލާމަތްކަން ގުޅިފައިވާ މައްސަލައެއްގައި އަދި ރައްޔިތުންނަށް ވާނުވާ ނޭންގި ބިރުވެރިކަމެއްގެ ތެރޭގައި ތިއްބާ އޭގެ ތެރެއިން އިންތިހާ ކަންބޮޑުވުމެއް އައީ ޢިލްމުވެރިން ޢިލްމުވެރިންނާއި އެއްބަޔަކު އަނެއް ބަޔަކަށް ތުހުމަތުކޮށް އެއްބަޔަކު އަނެއް ބައެއްގެ އަޑި ކިޔަން ފެށި ހިސާބުންނެވެ. ދީން ކިޔަވައިގެން ތިބެ ކޮން ފަދަ ހުތުރު ޢަމަލެއްތޯއެވެ.

ރާއްޖޭގެ ސިޔާސީ ވެށި މީގެ 15 ވަރަކަށް އަހަރު ކުރިން ބަލާލާއިރު، ދީނީ ކަންކަމުގަ ބަސް ބުނެވެނީ ސަރުކާރުން އެކަމަށް ކަނޑައަޅާފައިވާ ބަޔަކަށް އެކަންޏެވެ. ނަމަވެސް ޑިމޮކްރަސީއަށް ފެށި ދަތުރުގައި ޢިލްމުވެރިންނަށްވެސް އެ ޢިލްމުވެރިއަކު ބޭނުން ވަގުތެއްގައި ބޭނުން ދަރުހެއް ދޭންވީއެވެ. ކޮންމެހެން ކޮމިޓީއެއްގައި ހިމެނޭކަށެއް ނުޖެހެއެވެ.

އެހެނަސް ސިޔާސީ ކުޅިގަނޑުގެ ތެރޭގައި މުޅި ދީނީ ނިޒާމު ފުނޑު ފުނޑުވެގެން ގޮސްފިއެވެ. ޢިލްމުވެރިންނަކީ ސިޔާސީ ބަޔަކަށްވެ އެއް ފަހަރު ދައްކަވާ ވާހަކަތައް އަނެއް ފަހަރަށް ބަދަލުކުރާ ހިސާބަށް ޤައުމުގެ ޙާލަތު ގޮސްފިއެވެ. ގިނަ ޢިލްމުވެރިންގެ އިސްތަށިފުޅުގައި އޮންނަނީ ސިޔާސީ ތާކިހަލެކެވެ. މީގެ ތެރެއިން ޢިލްމުވެރިންނަށް ޓާގެޓްކޮށްގެން އެ ޢިލުމުވެރިންގެ ޝަރަފް މުޖުތަމައުގައި ކަތިލަމުން ދިޔަ މަންޒަރުވެސް އޭރުގައި ފެނުނެވެ. ފައިސާއަށް ޢިލްމުވެރިން ދަރުސް ދިންކަމަށްވެސް އެތައް ފަހަރެއްގެ މަތިން ތުހުމަތުކުރިއެވެ.

ޢިލްމުވެރިންގެ އަބުރު ކަތިލެވިއްޖެއެވެ. އެމީހުން އެމީހުންނާއި ޒާތީ ހަނގުރާމަ އިއުލާނުކޮށްފިއެވެ. އެއްބަޔަކު އަނެއްބަޔަކަށް ހޯއްލަވަން ފަށަައިފިއެވެ. ރައްޔިތުންނަށް ވާނުވާ ނޭނގި އޮޅުން ބޮޅުން އަރައިފިއެވެ. އިލްމުވެރިންގެ ތެރެއިން ގަބޫލުކުރަންވީ ކޮންބަޔަކަށް ނޭނގޭ ހިސާބަށް ޤައުމުގެ ހާލަތު ގޮސްފިއެވެ.

އެގަހު ކޭލެއް މިގަހު ކޭލެއް ނޭނގޭ ހަލަތަށް ޤައުމު ވެއްޓި ދާހިލީ ބޮޑު ހަމަ ނުޖެހުމެއް ނުހިގަނީސް ހަރުކަށި ކަމާއި ބޯހަރުކަން ދޫކޮށް ސިޔާސީ ތާކިހާ އެއްލާލުމަށްފަހު މި ޤައުމު ސަލާމަތްކޮށްދެއްވުން އެދި އާދޭސް ދަންނަވަމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: