އިންތިހާބެއް އަންނައިރު، އިދިކޮޅު ޕާޓީއެއް މިހާރު ނެތް ކަމަށާއި، އިދިކޮޅު އެންމެ ބޮޑު ޕާޓީ ކަމަށް ވަކާލާތު ކުރާ އެމްޑީޕީގައިވެސް އޮތީ ފެކްޝަންތައް އުފެދިފައި ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީގެ ތިނަދޫ ސިޓީގެ މާލޭ އޭރިއާ ކެމްޕެއިން އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ފަލާހު ވިދާޅުވީ ޒިންމާދާރު އިދިކޮޅު ޕާޓީއެއް މިހާރު ނެތް ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް ވާދަކުރާ ޕާޓިތަކުގެ ތެރެއިން އެންމެ ބޮޑު ޕާޓީއަކީ އެމްޑީޕީކަމަށް ވަކާލާތު ކުރާއިރު އެޕާޓީން 450 ގޮނޑިއަށް ވާދަނުކުރާކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ އެމްޑީޕީއަށް އެތައް ދާއިރާތަކުން ވާދަކުރާނެ ކެންޑިޑޭޓުން ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން މިހާރުވެސް އެޕާޓީއަށް ތާއިދުނެތް ކަމަށާއި، ދެން އެޕާޓީ ކޮޅަށް ނެގޭނެ ގޮތެއް ނެތްކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ 2008 ފެށިގެން ރާއްޖޭގެ އިޖުތިމާއީ ފޭރާމާއި، އިގްތިސޯދާއި އަދި ދައުލަތަށް އެމްޑީޕީން ގެއްލުން ދީފައި ވާތީ އެމްޑީޕީއަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ.
”އަޅުގަނޑުމެންނަށް ފެންނަނީ އިދިކޮޅު އެމްޑީޕީން މޭޔަރު މީގެ ދެދުވަސް ކުރިން ދެކުނިން ޑޯޓުޑޯގައި އުޅުއްވަނިކޮށް. މޭޔަރު ހުންނެވީ ދެ ބޭފުޅުންނާއިއެއްކޮށް. ކައިރީގައި ނެތް އެކަކުވެސް. މުޅި އެމްޑީޕީ މިއޮތީ ބައިބައިވެ ފެކްޝަން ހެދިފައި“
ފަލާހު ވިދާޅުވީ އެމްޑީޕީއަކީ ޕީއެންސީ ފިޔަވާ އެންމެ ގިނަ މެމްބަރުން ތިބެގެން އެންމެ ގިނައިން ފައިސާ ލިބޭ ޕާޓީ ކަމަށެވެ. މިދިޔަ އަހަރުވެސް އެމްޑީޕީއަށް 9 މިލިއަން ރުފިޔާ ލިބުނު ކަން ފާހަގަކުރައްވާ ފަލާހު ވިދާޅުވީ، އިންތިހާބާއި ދިމާކޮށް ޕާޓީން ކެންޑިޑޭޓުންގެ ފީވެސް އީސީއަށް ދައްކައިދީފައި ނުވާ ކަމަށެވެ. އަދި ކެމްޕެއިން ކުރުމަށް އެއްވެސް ކަމެއް އެޕާޓީން ނުކޮށްދޭ ކަމަށް ވދާޅުވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ އެހާ ގިނަ އަދަދެއްގެ ފައިސާ އެމްޑީޕީއަށް ލިބޭއިރު، އެއީ އެއްވެސް ހާލެއްގައި ޕާޓީގެ މެމްބަރުން މުސާރަ ނަގަން ދޭ އެއްޗެއް ނޫން ކަަމަށާއި އެއީ ސިޔާސީ ހަރަކާތްތައް ހިންގަން ދޭ ފައިސާ ކަމަށެވެ.

