ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަމަޟާން މަހުގެ ތެރެއިން ޢާއިލީ ލޯބި

ޝެއާރކޮށްލާ ކަހަލަދޯ؟

ބަރަކާތްތެރި ރަމަޟާން މަހަކީ މުސްލިމުންގެ ހިތްތަކަށް އީމާންކަމުގެ ތާޒާކަން ގެނުވައިދޭ، އަޅުކަމުގެ މޫސުމެކެވެ. މި މާތް މައްސަރުގައި އާއިލީ ގުޅުންތައް ބަދަހިކޮށް، ދީނީ ރޫހެއްގައި ދަރިން ތަރުބިއްޔަތު ކުރުމަކީ މައިންބަފައިންނަށް ކުރެވިދާނެ އެންމެ ފައިދާހުރި މަސައްކަތެވެ. މިއީ ހަމައެކަނި ކެއިންބުއިމާ ދުރުހެލިވާ މަހެއް ނޫނެވެ. އަދި ކިއެއްތަ، މިއީ އާއިލާގެ މެދުގައި އޮންނަ ލޯތްބާއި ކުލުނު އާލާކޮށް، އެކަކު އަނެކަކަށް އެހީތެރިވެ، އެކުގައި ވަގުތު ހޭދަކުރުމުގެ މުހިންމު ފުރުސަތެކެވެ.

ކުޑަކުދިންނަކީ ތަރުބިއްޔަތުގެ ބިންގާ އެޅޭ އުމުރުގައި ބޮޑެތި މީހުން ކުރާ ކަންކަން ނަކަލުކުރަން ލޯބިކުރާ ބައެކެވެ. ބައްޕައިން ނަމާދަށް މިސްކިތަށް ދާއިރު ފިރިހެން ދަރިން ގޮވައިގެން ދިއުމަކީ، އެކުދިންގެ ހިތްތަކުގައި މިސްކިތަށް ލޯބިޖެހި، ޖަމާއަތުގައި ނަމާދުކުރުމުގެ މުހިންމުކަން އިހުސާސްކޮށްދޭނެ ކަމެކެވެ. ހަމަ އެފަދައިން، ގޭތެރޭގައި މަންމަ ނަމާދަށް އަރާއިރު އަންހެން ދަރިން ބައިވެރިކުރުވުމަކީ، ނަމާދުގެ ސުންނަތްތަކާއި އަދަބުތައް އަމަލީ ގޮތުން ދަސްކޮށްދިނުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. މިގޮތަށް ޢާއިލާއާއި އެކުގައި އަޅުކަމުގައި ބައިވެރިވުމުން، ގޭތެރެއަށް ބަރަކާތް އިތުރުވެ، ދަރިންނާއި ބެލެނިވެރިންގެ މެދުގައި އޮންނަ ލޯތްބާއި އިޙުތިރާމްގެ ގުޅުންވެސް އިތުރަށް ބަދަހިވެގެންދެއެވެ.

ރޯދަމަހުގެ ރޭތައް އިހުޔާ ކުރުމަށްޓަކައި ކުރެވޭ ތަރާވީހް ނަމާދާއި ދަމު ނަމާދަކީ މުޅި ޢާއިލާ އެކުގައި މިސްކިތަށް ގޮސް ބައިވެރިވެވިދާނެ މުހިންމު އަޅުކަންތަކެކެވެ. މިކަމުގެ ސަބަބުން ކުދިންގެ ކިބައިގައި ކެތްތެރިކަން އަށަގަނެ، ދީނީ ކަންކަމަށް ދޭ ސަމާލުކަން އިތުރުވެއެވެ. މިސްކިތުގެ މާހައުލުން ފެންނަ އެއްބައިވަންތަކަމާއި މަޑުމައިތިރިކަމުގެ ސަބަބުން ކުދިންގެ އަޚުލާޤަށް ހެޔޮ ބަދަލުތަކެއް އާދެއެވެ. މީގެ އިތުރުން، ރޯދަ ވީއްލާ ވަގުތު އެކުގައި ސުފުރާ މަތީގައި ތިބެ ދުޢާކުރުމަކީ އާއިލީ ގުޅުން ވަރުގަދަކޮށްދޭ، ހިތްތަކަށް މަޑުމޮޅިކަން ގެނުވައިދޭ ކަމެކެވެ.

ދަރިން އަޅުކަމަށް ޝައުޤުވެރިކުރުވުމުގެ ގޮތުން، އެކުދިންގެ އުމުރާ ގުޅޭގޮތުން ވަކި ލަނޑުދަނޑިތަކެއް ނުވަތަ ’ޓާގެޓްތަކެއް‘ ކަނޑައެޅިދާނެއެވެ. މިސާލަކަށް، ރޯދަމަސް ނިމޭއިރު ވަކި ވަރަކަށް ޤުރުއާން ކިޔަވައި ނިންމުމަށް ހިތްވަރުދީ، އެކަމުގައި ބެލެނިވެރިން އަމަލީ ގޮތުން ބައިވެރިވުމަކީ ކުދިންގެ ޝައުޤުވެރިކަން އިތުރުވާނެ ކަމެކެވެ. ކުދިން ކިޔަވާއިރު ކައިރީގައި އިނދެ، އަކުރުތައް ކިޔައިދީ، ހެދޭ ކުށްތައް ރީތިކޮށް އިސްލާހުކޮށްދިނުމުން ކުދިންނަށް އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެއެވެ. މިފަދަ ކަންކަމުގެ ސަބަބުން ދަރިންނަށް ދީނީ އިލްމު ލިބުމުގެ އިތުރުން، މައިންބަފައިންގެ އަޅާލުމާއި ލޯބި އިހުސާސްކުރެވޭނެއެވެ.

ހެޔޮލަފާ ޖީލެއް ބިނާކުރުމުގެ އެންމެ ބޮޑު މަސްއޫލިއްޔަތެއް އޮތީ ބެލެނިވެރިންގެ އަތްމަތީގައެވެ. ރަމަޟާން މަހަކީ އެހެން މީހުންނަށް އެހީތެރިވުމާއި، ޞަދަޤާތް ދިނުމުގެ މުހިންމުކަން ދަރިންނަށް ދަސްކޮށްދޭންވީ ވަގުތެވެ. ފަގީރުންނަށް އެހީވުމަށް ދަރިންގެ އަތުން ފައިސާ ނުވަތަ ތަކެތި ދިނުމަކީ އެކުދިންގެ ހިތުގައި އޯގާތެރިކަން އުފެދޭނެ ކަމެކެވެ. މިއަދު ބައްޕަގެ އަތުގައި ހިފައިގެން މިސްކިތުގެ ސަފުތަކާ ގުޅޭ ކޮންމެ ތުއްތު ފިޔަވަޅަކީ، މާދަމާގެ އިސްލާމީ މުޖުތަމަޢު އާރާސްތުކުރާނެ ވަރުގަދަ ތަނބެކެވެ.

ރަމަޟާން މަހަކީ އާއިލީ ލޯބި އާލާކޮށް، ދީނީ ގޮތުން ދަރިން ބިނާކުރުމަށް ލިބޭ ރަންގަނޑެއް ފަދަ ފުރުސަތެކެވެ. ރަމަޟާންމަހުގެ ބަރަކާތްތެރި ވަގުތުތަކުގައި ބެލެނިވެރިންގެ ފަރާތުން ފެންނަ ނަމޫނާ އަމަލުތަކަކީ، ދަރިންގެ ހިތްތަކުގައި ދީނީ ލޯބި ދަމަހައްޓައިދޭނެ އެންމެ ފުރިހަމަ ބާރެވެ. އެހެންކަމުން، މި މާތް މައްސަރުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ލޯތްބާއި އަޅާލުމާއެކު އާއިލީ ގުޅުންތައް ބަދަހިކުރުމަށް އަޒުމް ކަނޑައަޅަންޖެހެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: