ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އިސްލާމްދީނަށް ފުރައްސާރަކޮށް، ދީނަށް ތައުހީނުވާ ފަދަ ވާހަކަދައްކަމުންދާ މައްސަލައެއްގައި ޓިކްޓޮކްގައި މަޝްހޫރު އަހުމަދު އާމިރު (ބޫގާ) ހޯދުމަށް ފުލުހުން މިއަދު އިއުލާނުކޮށްފިއެވެ.
ފުލުހުން ކުރި އިއުލާނުގައިވާ ގޮތުން، ހ. ފިލިކުރިގޭ، އުމުރުން 51 އަހަރުގެ އާމިރު ހޯދަނީ ސޯޝަލް މީޑިއާގައި އިސްލާމްދީނަށް ތައުހީނުކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާ ފަދަ ވާހަކަ ދެއްކުމާއި، އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީ ނައްތާލުމަށް ގޮވާލައި ވާހަކަ ދައްކާފައިވާ މައްސަލައަކާ ގުޅިގެންނެވެ.
ފުލުހުން ބުނީ އޭނާ ހޯދަނީ ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ނުކުރެވޭތީ ކަމަށެވެ. އެހެންކަމުން، އަންނަ މާޗް މަހުގެ 10 ވަނަ ދުވަހުގެ ހަވީރު 4:00 އަށް ސާޖަންޓް އާދަމް ހަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ހާޒިރުވުމަށް ފުލުހުން ވަނީ އޭނާއަށް އަންގާފައެވެ.
އާމިރު ޓިކްޓޮކްގައި ބުނެފައިވާ ގޮތުގައި އޭނާ ދިރިއުޅެމުން އަންނަނީ ރާއްޖެއިން ބޭރު މީހަކާ ކައިވެނިކޮށްގެން ރާއްޖެއިން ބޭރުގައެވެ. ނަމަވެސް އޭނާ ދޭތެރެ ދޭތެރެއިން ރާއްޖެ އަންނަކަމަށް މައުލޫމާތު ލިބެއެވެ.
ޓިކްޓޮކްގައި އާމިރު ދަނީ އިސްލާމްދީނަށް ހަޖޫޖަހައި، ދީނާ ގުޅޭގޮތުން ތަފާތު ވާހަކަތައް ދައްކަމުންނެވެ. އެގޮތުން މީގެ ކުރިން އޭނާ ވަނީ މުސްލިމް ފިރިހެނުން ހިތާނު ކުރަން ނުޖެހޭ ކަމަށް ބުނެ ވެސް ވާހަކަ ދައްކާފައެވެ. މި މައްސަލައަކީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ މައްސަލައެކެވެ.

