އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންނާއި، ހައްދުފަހަނައަޅާފައިވާ މީހުންނަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.
ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސްވަނީ، ދީނަށް ފުރައްސާރަ ކުރާ ފަރާތްތަކާއި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފަތުރާ ފަރާތްތަކަށް ދަންނަވަން އޮތީ އެންމެ ވާހަކައެއްކަމަށް ވިދާޅުވެފައެވެ. އަދި ވަގުތު ފާއިތު ނުވާކަމަށް ފާހަގަކުރައްވާ ރައީސް ވަނީ، ވަގުތު އޮއްވާ އިސްލާހު ވާން ގޮވާލައްވާފައެވެ. އެ ހުރިހާ ފަރާތްތަކަކީވެސް ދިވެހީން ކަމަށާ، އެއިން އެއްވެސް ބަޔަކަށް ދެރަގޮތެއް ވާން އެދިވަޑައިނުގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސާލިހުވަނީ މިހާރު ރާއްޖެއަށް ދިމާވާ އިޖްތިމާއީ މައްސަލަތަކާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އެފަދަ ހުރިހާ ކަންކަން ދިމާވަނީ ފަރުދީ ޒިންމާ ނުނެގުމާއި، އަމިއްލަ އެދުން ބޮޑުވުމުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ.
”ދީނަތް އިހާނެތިކޮށް ހިތުން، ދީނުގެ ނަމުގައި ހިންގާ ހައްދުފަހަނައަޅާފައިވާ ޢަމަލުތައް، މާރާމާރީއާއި ގޭންގްކުށްތައް، މިއީ އެކަންކަމަށް ޤާނޫނުތަކެއް ނެތިގެންމ ނޫނީ އެކަމަށް އަދަބުތައް ކަނޑައެޅިފައި ނެތިގެން ހިނގާ ކަންކަމެއް ނޫން. މިއީ ފަރުދީ ޒިންމާއަށް އިހުމާލު ވުމުގެ ނަތީޖާ. އެއީ ގައުމީ މަސްލަހަތަށް ވުރެ އަމިއްލަ މަސްލަހަތު އިސްކުރުމުގެ ނަތީޖާ.“
ރައީސް މިފަދައިން ވިދާޅުވެފައިވާއިރު، ދީނުގެ ނަމުގައި ހައްދުފަހަނައަޅާފައިވާ ޢަމަލުތައް ހިންގާކަން ބަޔާންކޮށް، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމްއިން ވަނީ ހަރުކަށި ފިކުރަކީ ކޮބާކަން ސިފަކޮށްދީފައެވެ.
އެގޮތުން، ”ހަރުކަށި ފިކުރަކީ“ އެތަނެއްގެ ސަގާފަތާއި ޒަމާންވީ އާދަކާދަތަކާއި ހަމަތަކާއި އުސޫލުތަކުގެ މައްޗަށް ބިނާވެގެންވާ ސާފު ސީދާ މަގުން އެއްކިބާވެ، އޮންނަ ގާނޫނާއި ގަވައިދުތަކާއި އުސޫލުތަކުގެ އިންތަކުން ބޭރުވެ ތިބެ، އެ ބައެއްގެ ފިކުރަށް ތަބާވާ މީހުން ފިޔަވައި އެހެން މުސްލިމުންނަކީ މުސްލިމް ބައެއް ނޫން ކަމަށް ބުނެ އެގޮތަށް ދައްކަން އުޅުން ކަމަށެވެ.
އޭގެ އިތުރުން ރައްޔިތުންގެ މުދަލުން ވައްކަންކޮށް ނަހަމަގޮތުގައި ބޭނުންކުރުމާއި، ފޭރުން އެއީ ހުއްދަ ކަމެއް ކަމަށް ބުނެ އެކަމަށް ވަކާލާތު ކުރުމާއި މީސްތަކުންނަށް އިހާނެތިކޮށް ހިތައި އަނިޔާވެރިވެ މީހުންގެ ފުރާނަ އާއި މުދަލަށް ގެއްލުން ދިނުމަކީ ލާޒިމް ކަމެއް ކަން ދައްކުވައި އެކަންކަން ކުރުމަށް ހިތްވަރު ދިނުމަކީ ހަރުކަށި ވިސްނުންގެ ގޮތުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން އިސްލާމް ދީނަށް ފުރައްސާރަކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށާ، އެފަދަ އެއްވެސް ކަމަކަށް ޖާގަ ނުދެއްވާނެ ކަމަށް ރައީސް އޮފީހުން މީގެ ކުރިން ވިދާޅުވެފައިވެއެވެ.

