ސުނާމީއިން އެހެން ޤައުމުތަކަށްވީ ގެއްލުން ރާއްޖެއަށް ނުވީ، ދިވެހިންގެ އިސްލާމީ އަޤީދާގެ ސަބަބުން ލިބުު ތަހައްމަލްކުރުމުގެ ބާރުގެ ސަބަބުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ސުނާމީ ކާރިސާއަކީ ދިވެހީންނަށް ވަރަށް ހިތްދަތި ކާރިސާއެއްކަމަށެވެ.
އެހެންނަމަވެސް އެ ދުވަހު ދިވެހިންނަށް ކެތްތެރިކަން ލިބުނީ ދިވެހިންގެ އިސްލާމީ އަގީދާގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ އެދުވަހު ދިވެހިން ދެއްކި އެއްބައިވަންތަކަމަކީ ފުރިހަމަ ލާމަސީލު ނަމޫނާއެއްކަމަށް ފާހަގަކުރައްވާފައެވެ.
“ އެކުވެރި ރަހުމަތްތެރިން ތާއަބަދަށް ވަކިވި. އެއީ ވޭނީ ހިތާމައިން ފުރިގެންވާ ހާދިސާއެއް. ބައެއް އައިލާތައް މާލީ އަދި އޮމްރާނީ ގޮތުން އިނދަޖެހުނު. ބައެއް ރަށްރަށް މުޅިން ސުންނާފަތިވި. ބައެއް ރަށްރަށަށް އެތައް މިލިއަނުން ގެއްލުންވި. މިދެންނެވި ހިތާމަވެރި ހާދިސާގައި ދިވެހިން ދައްކުވައި ދިނީ ދިވެހިންގެ ހިތްތަކުގައި އެކަކު އަނެކަކަށް އޮތް ލޮތްބާއި އަޅާލުން. ސުނާމީ ކާރިސާއަކީ ދިވެހިން ކަރުނައިގެ ކަނޑަކަށް ޢަރަގުކޮށްލި ހާދިސާއެއް“
ސުނާމީގައި ގެއްލުންވި ދިވެހިންގެ ދިރިއުޅުމުގެ އާއްމުހާލަތަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން އެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ފާހަގަކުރެއްވިއެވެ.
އެގޮތުން މިހާތަނަށް 592 ލޯނު ވަނީ މަޢާފްކޮށްދެއްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ކޮޅުފުށީގެ ގެ މަރާމާތުކުރަން ނެގި ލޯނު ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ދިވެހިން މޫސުމީ ކަންކަމާއި މިއަދުވެސް ކުރިމަތިލާން ޖެހޭ ކަމަށާ، އެކަމާއި މެދު ދުރާލާ ވިސްނައިގެން ފިޔަވަޅު އަޅަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
މޫސުމީ ބަދަލުތަކުން ލިބެ ގެއްލުން ކުޑަކުރަން ގުޅިގެން މަސައްކަތްކުރަން ޖެހޭކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، ސުނާމީ ކާރިސާއިން ދިވެހިންނަށް ލިބުނު ގެއްލުމަށް ބަލާލުމުން އެކަނިވެސް ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ކިހާ ނުރައްކާތެރިކަމެއްކަން ތަސައްވުރުކުރެވުނު ކަމަށެވެ.
ސުނާމީ ކާރިސާއަކީ އިންޑޮނޭޝިއާގެ ސްމަޓްރާގެ ކަނޑު އަޑިއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އުފެދުނު ބިޔަރާޅެއް ނުވަތަ ރާޅުތަކެއްގެ ސަބަބުން ކުރިމަތި ކާރިސާއެކެވެ.
ރެކްޓަރމިންގަނޑުން 9.1 އާއި 9.3 މެގްނެޓިއުޑް ބާރުމިނުގައި އަށް މިނެޓާ 10 މިނެޓުގެ ދިގު މިނަށް މި ބިންހެލުން ދެމިގެންދިޔައެވެ. ސުނާމީއަކީ މިހާތަނަށް ރާއްޖެއަށްވެސް ކުރިމަތިވި އެންމެ ބިރުވެރި ނުރައްކާތެރި ގެއްލުންބޮޑު ކާރިސާއެވެ.
ރެކޯރޑް ކުރެވިފައިވާ މަޢުލޫމާތުތަކުން އެނގޭ ގޮތުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ނުވަ ރަށެއް ފިޔަވައި ހުރިހާ ރަށަކަށް ސުނާމީގެ އަސަރުކުރިއެވެ. ރާއްޖޭގެ 20 އަތޮޅުން ގެއްލުނު މީހުންނާއެކު 108 މީހުން މަރުވިއެވެ. އެއީ ރާއްޖޭގެ ރިސޯޓަކުން މަރުވި ދެ ފަތުރުވެރިޔަކާވެސް އެކުގައެވެ.

