ގދ. ތިނަދޫ ސިޓީގެ އިތުރު މަގުތަކުގައި ތާރު އެޅުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އަށް ހަވާލުކޮށްފި އެވެ.
މި މަޝްރޫއު ހަވާލުކުރުމަށް ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބުއާއި، އާރުޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމެވެ.
341 މިލިއަން ރުފިޔާއަށް ހަވާލުކުރި މި މަޝްރޫއުގެ ދަށުން 19.3 ކިލޯ މީޓަރު ހިމެނޭ 50 މަގެއްގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މަޝްރޫއުގެ ތެރެއިން ފެން ހިންދާ ނިޒާމު ގާއިމުކޮށް، ރޯޑް ވޯކިން އަދި ސައިން ބޯޑު ހަރުކޮށް، ދުވާރުތައް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މަސައްކަތް ހަވާލުކޮށްފައި ވަނީ 4 އަހަރުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ އަދި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އަލްސަން އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

