ދެކުުނު އޭޝިއާގެ ސަރަހައްދުގައި ބޭއްވޭ ފަތުރުވެރިކަމުގެ އެންމެ ބޮޑު ވިޔަފާރި މައުރަޒުކަމަށްވާ ”ސާޓޭ2026“ ގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބައިވެރިވެއްޖެއެވެ. މި މައުރަޒު ކުރިއަށްދާނީ 2026 ފެބްރުއަރީ 25 އިން 27އަށް އިންޑިއާގެ ނިއު ދިއްލީގެ ޔަޝޯބޫމީ ކޮންވެންޝަން ސެންޓަރުގައެވެ.
މި ޕްލެޓްފޯމް މެދުވެރިކޮށް ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމާއި ފަތުރުވެރިކަމުގެ މުއްސަނދިކަން މާކެޓަތަކަށް ދައްކާލުމާއިއެކު، އިންޑިއާ އަދި ދެކުނު އޭޝިއާ ސަރަހައްދުގައި ރާއްޖޭގެ މަގްބޫލުކަން އިތުރުކުރުމަށް މަސައްކަތް ކުރެވިގެންދާނެ ކަމަށް ވިޒިޓް މޯލްޑިވްސް އިން ހާމަކުރެއެވެ.
އެގޮތުން މި އަހަރުގެ ސާޓޭގައި 50އަށް ވުރެ ގިނަ ގައުމަކުން 2100 އަށްވުރެ ގިނަ އެގެޒިބިޓަރުން ބައިވެރިވިއެވެ. މިއީ ދުނިޔޭގެ މާކެޓްތަކާއި، ސިނާއަތުގެ އިސް ފަރާތްތަކާއި ބައްދަލުވެ، ވިޔަފާރީގެ އައު ފުރުސަތުތައް ހޯދުމަށް ފަހި މާހައުލެކެވެ. ގާތްގަނޑަކަށް 45 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި އިންޑިއާގެ ފަތުރުވެރިކަމުގެ މާކެޓްގައި ރާއްޖޭގެ މަގާމު ދެމެހެއްޓުމަށް މި ފެއަރ މުހިންމު ދައުރެއް އަދާކުރެއެވެ. އަދި މި އަހަރުގެ ފެއަރ ގައި ވިޒިޓް މޯލްޑިވްސްއާއިއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 22 ކުންފުންޏަކުން ކޯ- އެގްޒިބިޓަރުންގެ ގޮތުގައި ބައިވެރިވެއެވެ.
މީގެ ތެރެއިން އިންޑިއާއަކީ ރާއްޖެއަށް ފަތުރުވެރިކަމުގެ އެންމެ މުހިންމު އެއް މާކެޓެވެ. އެގޮތުން 2024 ވަނަ އަހަރު 130،805 ފަތުރުވެރިން އަދި 2025 ވަނަ އަހރު 131625 ފަތުރުވެރިން އިންޑިއާއިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެއެވެ. މި ތަފާސްހިސާބުތަކުން ހާމަވެގެންދަނީ އިންޑިއާ މާކެޓް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރަމުންދާކަމާއި، ރާއްޖޭގެ އިގްތިޞާދަށް މި މާކެޓުގެ މުހިންމުކަމެވެ.
ވިޒިޓް މޯލްޑިވްސްއިން ހާމަކުރާގޮތުގައި ސާޓޭ މެދުވެރިކޮށް ޓުއަރ އޮޕަރޭޓަރުންނާއި، ޓްރެވެލް އޭޖެންޓުންނާއި، އެއަރލައިންތަކުގެ އިތުރުން އޮންލައިން ޓްރެވެލް ޕްލެޓްފޯމްތަކާއިއެކު އޮންނަ ގުޅުން ބަދަހިކޮށް މާކެޓިންގގެ އާ މަޝްރޫއުތައް ރޭވުމަށް މަގުފަހިވެގެންދާނެއެވެ.
މި މައުރަޒުގައި ވިޒިޓް މޯލްޑިވްސްގެ ފަރާތުން ގާއިމްކޮށްފައިވާ މޯލްޑިވްސް ޕެވިލިއަން އަށް ޒިޔާރަތް ކުާ ފަރާތްތަކަށް ގިނަ ހަރަކާތްތަކެއް ރޭވިފައިވާ ކަމަށް ވެސް ވިޒިޓް މޯލްޑިވްސް އިން މައުލޫމާތުދެއެވެ. އޭގެތެރޭގައި ސިނާއަތުގެ ފަންނީ މާހިރުންނާއިއެކު، ބޭއްވޭ ވަކިވަކީ ބައްދަލުވުންތަކާއި، ރާއްޖޭގެ މައުލޫމާތު ހިމެނޭ އިޝްތިހާރު ތަކެތި ބެހުމުގެ އިތުރުން އެލްއީޑީ ސްކްރީންތަކުން ރާއްޖޭގެ ރީތިކަން ދައްކުވައިދޭ ވީޑިއޯތައް ދައްކާލުން ހިމެނެއެވެ.
މީގެ އިތުރުން މާކެޓް ޓްރެންޑްތައް ދެނެގަތުމަށް ކުރިއަށްގެންދާ ސާވޭއެއްގައި ބައިވެރިވެގެން ރެފުލް ޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތާއި ހަނދާނީ ފޮޓޯ ނެގުމަށް ހާއްސަކުރެވިފައިވާ ބެކްޑްރޮޕެއްވެސް ޒިޔާރާތްކުރާ ފަރާތްތަކަށް ތައްޔާރު ކުރެވިފައިވާނެކަމަށް ވިޒިޓް މޯލްޑިވްސްއިން މައުލޫމާތުދެއެވެ.
ވިޒިޓް މޯލްޑިވްސް އިން ވިދާޅުވާ ގޮތުގައި، ރާއްޖޭގެ ކަނޑުފަޅުގެ ދިރުންތައް ރަމްޒުކޮށްދޭ ”ފެހުރިހި“ ގެ ބައްޓަމަށް ތައްޔާރުކޮށްފައިވާ ބުކްމާކުތަކުގައި ޒިޔާރާތްކުރާ ފަރާތްތަކުގެ ނަން ދިވެހި އަކުރުން ލިޔެދީ ހަދިޔާ ކުރުމަށް ވެސް ހަމަޖެހިފައިވެއެވެ.
ސަޓޭ 2026 ގައި ބައިވެރިވުމަކީ އިންޑިއާ މާކެޓަށް ވިޒިޓް މޯލްޑިވްސް އިން ކަނޑައަޅާފައިވާ ފުޅާ މާކެޓިން ސްޓްރެޓެޖީގެ ބައެއް ކަމަށް ވިޒިޓް މޯލްޑިވްސްއިން ހާމަކުރެއެވެ. އެގޮތުން، މި އަހަރުގެ ތެރޭގައި އިންޑިއާގައި މީޑިއާ ފޭމް ޓްރިޕްތަކާއި ސެލެބްރިޓީ ފޭމް ޓްރިޕްތަކާއި، ރޯޑްޝޯވ ތަކުގެ އިތުރުން އެއަލައިންތަކާއި ގުޅިގެން ހިންގޭ ޑިޖިޓަލް އަދި އައުޓްޑޯ އިޝްތިހާރު ކެމްޕޭންތައް ކުރިއަށް ގެންދިޔުމަށް ރޭވިފައިވާކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
ވިޒިޓް މޯލްޑިވްސްގެ އަމާޒަކީ ދިވެހިރާއްޖެއަކީ ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ފޯރުކޮށްދޭ، އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް ޒިޔާރަތްކުރަް އެންމެ އެކަށީގެންވާ މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދެމެހެއްޓެނިވި ކުރިއެރުން ހޯދައިދިނުމެވެ.

