ކީރިތި ޤުރްއާން ހިތުދަސްކުރި ޙާފިޡުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު ދެއްވުމުގެ ޚާއްޞަ ރަސްމިއްޔާތު އަންނަ މާރިޗު މަހުގެ 1 ވާ އާދީއްތަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިންތިޒާމް ކުރައްވައިގެން ބާއްވާ މި ޖަލްސާ އޮންނާނީ އެ ރޭ އިސްލާމީ މަރުކަޒުގައެވެ.
މިއަހަރުގެ މި ރަސްމިއްޔާތުގައި ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި އިނާމު 50 ޙާފިޡުން ޙާސިލްކުރައްވާނެއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރު އަދަދެކެވެ. އެންމެ ފަހުން މި އިނާމު ދެއްވާފައިވަނީ 1446 ވަނަ އަހަރުގެ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައެވެ. އެ ފަހަރު މި އިނާމު ލިބިވަޑައިގަތީ 28 ޙާފިޡުންނަށެވެ.
ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މެޑަލް ދެއްވަން ފެއްޓެވީ 2014 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުއެވެ. އެންމެ ފުރަތަމަ މި ޝަރަފު ލިބިވަޑައިގަތީ އެންމެ 3 ޙާފިޒުންނަށެވެ. ކުރިން މި މެޑަލް ދެއްވަމުން ގެންދެވީ ހަމައެކަނި އެއްވަނަ ދަރަޖައިގައި ފާސްވާ ޙާފިޒުންނަށް ނަމަވެސް، މިހާރު ސަރުކާރުން ވަނީ ޙާފިޒުންގެ ގޮތުގައި ދަސްވެނިވާ ހުރިހާ ފަރާތްތަކަށްވެސް މި މެޑަލް ދެއްވާ ގޮތަށް ހަމަޖައްސަވާފައެވެ.
ޤުރުއާނަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ދަށުން، ޙާފިޒުންނަށް ދައުލަތުން ދޭ އެލަވަންސްވެސް ވަނީ ދެގުނަ ބޮޑުކުރައްވާފައެވެ. އެގޮތުން ކުރިން ދެމުން އައި 2000 ރުފިޔާގެ އެލަވަންސް މިހާރު ވަނީ 4000 ރުފިޔާއަށް އިތުރުކޮށްފައެވެ. މިއީ ޙާފިޒުންނަށް ހިތްވަރުދީ، އެ ދާއިރާއިން ކުރިއަށް ދިޔުމަށް ބާރުއެޅުމުގެ ގޮތުން ނިންމެވި ނިންމެވުމެކެވެ.
ސަރުކާރުގެ ބޮޑު އަމާޒަކީ ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ރާއްޖޭގައި ތިބި ޙާފިޒުންގެ އަދަދު 500 އަށް އިތުރުކުރުމެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1500 އަށްވުރެ ގިނަ ފަރާތްތަކުން ދަނީ ޤުރުއާން ހިތުދަސްކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިއީ ރާއްޖޭގެ އިސްލާމީ ތާރީޚުގައިވެސް ފާހަގަކޮށްލެވޭ ފަދަ ބޮޑު ކުރިއެރުމެއް ކަމަށް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.

