ޔޫތު މިނިސްޓްރީއާއި އުރީދޫ މޯލްޑިވްސް ގުޅިގެން ރާއްޖޭގެ ގޭމަރުންނަށް ހާއްސަކޮށްގެން ބާއްވާ ”ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް 2026“ މާދަމާ ފެށުމަށް ހުރިހާ ތައްޔާރީތަކެއް ވެއްޖެއެވެ.
މި ފެސްޓިވަލަކީ ރަމަޟާން މަހުގެ ރޫހާ ގުޅުވައިގެން ޒުވާނުންގެ މެދުގައި މަގުބޫލު ކުޅިވަރުތަކެއް ކުރިއެރުވުމަށް ބާއްވާ ހަރަކާތެކެވެ.
މި ފެސްޓިވަލްގައި އޮންލައިން އަދި އޮފްލައިންކޮށް ގޭމިންގ މުބާރާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
މީގެ ތެރޭގައި ހިމެނޭ މައިގަނޑު ގޭމްތަކަކީ ޕަބްޖީ (PUBG)، އީއޭއެފްސީ (EAFC)، އެމްއެލްބީބީ (MLBB) އަދި ޓެކެން (Tekken) އެވެ. މި މުބާރާތްތައް ކުރިއަށްދާނީ މި މަހުގެ 27 އިން 28 އަށް ސޯޝަލް ސެންޓަރުގައި ގާއިމުކޮށްފައިވާ ޔޫތު ހަބުގައެވެ.
މި މުބާރާތުގެ ވަނަވަނައަށް ހޮވޭ ފަރާތްތަކަށް އަގުހުރި ފައިސާގެ އިނާމުތަކެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ކޮންމެ ގޭމަކުން އެއްވަނައަށް ހޮވޭ ފަރާތަކަށް 5,000 ރުފިޔާ، ދެވަނައަށް 3,000 ރުފިޔާ އަދި ތިންވަނައަށް ހޮވޭ ފަރާތަކަށް 2,000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ފެސްޓިވަލް ބާއްވާ ”ޔޫތު ހަބް“ އަކީ ޒުވާނުންނަށް ހާއްސަކޮށްގެން ސަރުކާރުން މިދިޔަ ނޮވެމްބަރު މަހު ހުޅުވި ތަނެކެވެ.
މި ތަން ހުޅުވި ފަހުން ޒުވާނުންގެ ހުނަރުތައް ކުރިއެރުވުމަށާއި މުނިފޫހިފިލުވުމަށް ތަފާތު ގިނަ ޕްރޮގްރާމްތަކެއް މިހާތަނަށް ވަނީ ހިންގާފައެވެ. މިފަދަ އީސްޕޯޓްސް ފެސްޓިވަލެއް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި އީސްޕޯޓްސްގެ ދާއިރާ އިތުރަށް ފުޅާކޮށް، ޒުވާނުންނަށް އެ ދާއިރާއިން ފުރުސަތުތައް ފަހިކޮށްދިނުމެވެ.

