މާލޭ ސިޓީގެ މޭޔަރުކަމުގައި ހުންނެވިއިރު އެކުލަވާލައި ފާސްކުރި ސްޓްރެޓީޖިކް އެކްޝަން ޕްލޭނަކާއި އެއްގޮތަށް، ނިމިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ކަމެއް ކުރިއަށް ގޮސްފައިނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ޕީއެންސީން ބޭއްވި ހާއްސަ ތަރާވީހެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ މޭޔަރުކަމުގެ ދައުރުގައި ތައްޔާރުކުރި އެކްޝަން ޕްލޭންގައި މާލޭގެ ތަރައްގީއަށް މުހިންމު ބައިވަރު ކަންތައްތަކެއް ހިމަނާފައިވާނެ ކަމަށެވެ. ނަމަވެސް، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެ ފޮތުގައި ހުރި ކަންކަން އޮތީ ހުއްޓިފައި ކަމަށާއި، ކައުންސިލްގެ ދައުރު އަދި ނުނިމުނު ކަމުގައި ވިޔަސް މަސައްކަތްތައް ކުރިއަށް ނުދާކަން ރައީސް ފާހަގަކުރެއްވިއެވެ.
ކައުންސިލްގެ އެތެރޭގެ ހިންގުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، 18 ކައުންސިލަރުންގެ ތެރެއިން 15 ކައުންސިލަރުންނަކީ ޕީއެންސީގެ މެމްބަރުން ކަމުގައި ވީނަމަވެސް، ކައުންސިލްތަކުގައި ކަންކަން ހިނގާ ގޮތަށް ބަލާއިރު ފަހު ބަސް ބުނާނީ މޭޔަރު ނުވަތަ ރައީސް ކަމަށެވެ. އެހެންކަމުން، ޕީއެންސީގެ ކައުންސިލަރުން އެ ޕްލޭން ތަންފީޒުކުރަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވެފައި ނުވާކަމަށް ރައީސް އިޝާރާތް ކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް މިއަދު މާލެ އޮތް ހާލަތު ފެންނާނެ ކަމަށާއި، ފޮތުގައި އޮތް ގޮތަށް ކަންކަން ނުހިނގާކަން ރައްޔިތުންނަށް އިހުސާސްވާނެ ކަމަށެވެ.
”މާލޭގެ ތަރައްގީއަށްޓަކައި އެތައް ގިނަ ގުނަ ކަންތައްތަކެއް ސަރުކާރުގެ ސިޔާސަތު ތެރޭގައިވެސް ކަނޑައަޅައިފައި ހުންނާނެ. މި ފޮތުގައި ހުރި ކަންކަން އެންލާޖުކޮށް، މުޅި ރާއްޖޭގައި ދިވެހީންގެ ރާއްޖެ މެނިފެސްޓޯގައި އަޅުގަނޑުމެން ހިމެނިން،“ ރައީސް ވިދާޅުވިއެވެ.
މާލޭގެ ކަންކަން މިދިޔަ އަހަރުތަކުގައި ހިނގި ގޮތަށް ދޫކޮށްލާނީތޯ ނުވަތަ އެއަށްވުރެ ރަނގަޅަށް ކަންކަން ކުރަން ފުރުސަތު ދޭނީތޯ ރައީސް ވަނީ ސުވާލު އުފައްދަވާފައެވެ. އަދި މާލޭގެ ކަންކަން ރައްޔިތުން އެދޭ އަމާޒަށް ގެންދިއުމަށްޓަކައި ސަރުކާރަށް އެއްބާރުލުން ދޭނެ ޕީއެންސީގެ ކައުންސިލަރުން ހޮވުމަކީ ނުހަނު މުހިންމު ކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ރައްޔިތުން އެދޭ ފަދަ ބަދަލެއް ފެންނާނެ ކަމުގެ ޔަގީންކަން އެމަނިކުފާނަށް އެބައޮތް ކަމަށެވެ.

