ރަމަޟާންމަހަކީ ހެޔޮކަމާއި ބަރަކާތާއި ފާފަފުއްސެވުމުގެ މޫސުމެއް ކަމަށާއި މުސްލިމު މުޖުތަމަޢުތަކުގައި ރަމަޟާންމަހުގެ މަތިވެރިކަމާއި މާތްކަން ދަމަހައްޓާން ޖެހޭނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ ”ނަސްރާއި ކާމިޔާބީގެ މައްސަރު“ގެ މައުޟޫއުގެ މައްޗަށެވެ. ހުތުބާގައި ބުނެފައިވަނީ އަހަރެމެންނާއި ބައްދަލުކޮށްފައިވާ މި ބަރަކާތްތެރި ރަމަޟާންމަހަކީ ހަމައެކަނި ކެއުމާއި ބުއިމުން ދުރުހެލިވުމުގެ މަހެއްނޫން ކަމަށާއި މިއީ ޖިހާދުގެ މައްސަރު ކަމަށެވެ. އިންސާނާގެ ހަށިގަނޑުންކުރެވޭ ޖިހާދުގެ އިތުރަށް އޭނާގެ ހަވާނަފުސާ ދެކޮޅަށް އެންމެ ފުރިހަމަ މާނައިގައި ޖިހާދުކުރެވޭ މައްސަރު ކަމަށް ވަނީ ފާޙަގަކޮށްފައެވެ. މި މައްސަރުގައި ހިފާ ރޯދައިގެ ސަބަބުން އޭނާގެ ހަވާނަފުސުގެ އެދުންތަކުގެ މައްޗަށް ގަދަވެގަނެ، ނަފުސު ތަހުޒީބުކުރުމަށް ބާރުއަޅާ ކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ.
ހުތުބާގައި ބުނެފައިވަނީ ރަމަޟާންމަހަކީ ނަފުސުގެ ޖިހާދުގެ އިތުރަށް އިސްލާމްދީނުގެ ޢަދުއްވުންނާ ދެކޮޅަށް މުސްލިމުން އެންމެ ބޮޑެތި ނަޞްރާއި ކާމިޔާބީތައް ޙާޞިލުކުރި މައްސަރު ކަމަށެވެ. އިސްލާމީ ތާރީޚު ބަދަލުކޮށްލި މަޝްހޫރު ބަދުރުހަނގުރާމަކުރެވުނީ ހިޖުރައިން ދެވަނަ އަހަރު ރަމަޟާންމަހު ސަތާރަވަނަ ދުވަހު ކަމަށާއި، ހާހަކަށް ވުރެ ގިނަ ކާފިރުންގެ ވަރުގަދަ ލަޝްކަރު މުސްލިމުންގެ ތިންސަތޭކައެއް ހައި މީހުންގެ ލަޝްކަރުގެ އަތްދަށުވެ ބަލިވުމަކީ ތާރީޚީ ގޮތުން މުސްލިމުންނަށް ލިބުނު އެންމެ ވަރުގަދަ ކާމިޔާބީއެއް ކަން ހުތުބާގައި ފާހަގަކުރިއެވެ.
ހުތުބާގައި ބުނީ އެ ކަމުން އެނގެނީ ނަޞްރުލިބޭނީ ހަމައެކަނި ބާރުގެ ގޮތުންނޫންކަމާއި، ﷲ سُبْحَانَهُ وَتَعَالَى އަށް އޮންނަ އިތުބާރާއި އީމާންކަމުގެ ވަރުގަދަކަމުންނާއި އެކަލާނގެ ރަޙުމަތުގެ ސަބަބުންކަމެވެ. އަދި މުސްލިމުންނަށް ލިބުނު އެންމެ ބޮޑު އެއް ފަތަޙަކަމުގައިވާ މައްކާ ފަތަޙަކުރެވުނީ ހިޖުރައިން އަށްވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހުގެ ވިހިވަނަ ދުވަހެވެ. އެ ފަތަޙައެއްގެ ސަބަބުން މުޅި ޢަރަބިކަރަ ފަތަޙަވި ކަމަށާއި މުސްލިމުންގެ ދިހަ ހާސް މުޖާހިދުންނާ އެކު ނަބިއްޔާ މައްކާއަށް ވެދެވަޑައިގަތީ ތަވާޟުޢުވެރިކަމާއި މަޑުމައިތިރިކަންމަތީގައި ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
”މުސްލިމް އަޚުންނޭވެ! ރަމަޟާންމަހަކީ، ކަންނެތްކަން އިޚުތިޔާރުކޮށް، މަސައްކަތްތައް ހުއްޓައިލައި ޗުއްޓީނެގުމާއި ނިދުމުގެ މައްސަރެއް ނޫނެވެ. އެއީ އަޅުކަމުގައި ހީވާގިވެ ކުރިއަރައިދާންވީ މައްސަރެވެ. ޚާއްޞަކޮށް އެ މަހުގެ ފަހު ދިހައަކީ އިތުރަށް ހީވާގިވެ އަޅުކަމުގެ ކަމަރުބަންނާންވީ ދުވަސްތަކެކެވެ. أُمُّ الْمُؤْمِنِيْنَ عَائِشَةَ رَضِيَ اللهُ عَنْهَاގެ އަރިހުން ރިވާވެގެން ވެއެވެ. (كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ الْعَشْرُ شَدَّ مِئْزَرَهُ، وَأَحْيَا لَيْلَهُ، وَأَيْقَظَ أَهْلَهُ)[5] މާނައީ: ”ރަމަޟާންމަހުގެ ފަހުދިހައަށް އެޅުމުން ރަސޫލުﷲ، އެކަލޭގެފާނުގެ ކަމަރު ބަންނަވައެވެ. އަދި އެ ރޭތައް އިޙުޔާކުރައްވައެވެ. އަދި އަޅުކަންކުރެއްވުމަށް އެކަލޭގެފާނުގެ އަހުލުން އަވަހާރަފުޅުން ނަންގަވައެވެ.“ އަދި ވެސް އެކަމަނާގެ އަރިހުން ރިވާވެގެން ވެއެވެ. (أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ يَعْتَكِفُ الْعَشْرَ الْأَوَاخِرَ مِنْ رَمَضَانَ حَتَّى تَوَفَّاهُ اللهُ، ثُمَّ اعْتَكَفَ أَزْوَاجُهُ مِنْ بَعْدِهِ.)[6] މާނައީ: ”ހަމަކަށަވަރުން ނަބިއްޔާ z ސުވަރުގެވަޑައިގެންފުމަށް ދާންދެން ރަމަޟާންމަހުގެ ފަހުދިހައިގައި އިޢުތިކާފަށް އިންނަވައެވެ. އަދި އެކަލޭގެފާނު ސުވަރުގެވަޑައިގަތުމަށް ފަހު، އެކަލޭގެފާނުގެ އަނބިއަނބިކަނބަލުން އިޢުތިކާފަށް ތިއްބެވިއެވެ.“
ހުތުބާގައި ބުނީ ރަމަޟާންމަހަކީ ހެޔޮކަމާއި ބަރަކާތާއި ފާފަފުއްސެވުމުގެ މޫސުމެއް ކަމަށާި މުސްލިމު މުޖުތަމަޢުތަކުގައި ރަމަޟާންމަހުގެ މަތިވެރިކަމާއި މާތްކަން ދަމަހައްޓާން ޖެހޭނެ ކަމަށެވެ. އަދި އަހަރެމެންނާއެކު ދިރިއުޅެމުންދާ އެހެންދީންތަކުގެ މީހުންނާއި ބިދޭސީންނަށް އިޙުސާންތެރިވާންވާނެ ކަމަށާއި އިސްލާމްދީނަކީ އޯގާތެރިކަމާއި ކުލުނުވެރިކަމުގެ ދީން ކަމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ. ވަކީން ޚާއްޞަކޮށް މީހުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރީންނަށް ޚިދުމަތްދޭ ފަރާތްތަކުން މިކަމަށް ސަމާލުވާން ޖެހޭ ކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ.

