ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާންގެ އަނބިކަނބަލުންނާއި 10 އަހަރުގެ އަންހެން ދަރިފުޅުގެ ވީޑިއޯއެއް މަގުމަތިން ނެގިކަމަށް ބުނާ މައްސަލައިގައި، އިހުސާނާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ދެމެދު ބަހުގެ ހަމަލާތަކެއް ރައްދުކޮށްފި އެވެ.
މި މައްސަލަ ފެންމަތިވީ، މިނިސްޓަރު އިހުސާންގެ އަނބިކަނބަލުންނާއި ދަރިފުޅު މަގުމަތީގައި ހިނގާފައި ދަނިކޮށް ފަހަތުން ނަގާފައިވާ ވީޑިއޯއެއް ’ހަސަން ކުރުސީ‘ ގެ ނަމުގައި ހިންގާ ކާކުކަން ނޭނގޭ އެކައުންޓުން އާންމުކުރުމާ ގުޅިގެންނެވެ. އެ ވީޑިއޯގައި ދަރިފުޅު ކުޑަ ބައިސްކަލެއްގައި ދާއިރު، މޫނެއް ނުފެނެ އެވެ.
ވީޑިއޯ އާންމުކޮށް އެ ޕޯސްޓުގައި ބުނެފައި ވަނީ، ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން އިހުސާންގެ އާއިލާއަށް ސެކިއުރިޓީ ދެމުންދާ ކަމަށާއި، މިއީ ރައްޔިތުންގެ ޓެކްސް ފައިސާ ނަހަމަގޮތުގައި ބޭނުންކުރުން ކަމަށެވެ. މި ތުހުމަތުތަކަށް އެމްޑީޕީގެ ބައެއް މެންބަރުންނާއި އާންމުންގެ ބައެއް ފަރާތްތަކުން ވަނީ ތާއީދުކޮށްފައެވެ.
މި މައްސަލައިގައި މިނިސްޓަރު އިހުސާން ވަނީ އެމްޑީޕީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު މަގުމަތީގައި ތިއްބަވައިގެން ފޯނުން ވީޑިއޯ ކުރާ މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖެއް މިއަދު އާންމުކުރައްވާފައެވެ. އަދި އެ ވީޑިއޯ ނަގައި، ކާކުކަން ނޭނގޭ އެކައުންޓަށް ފޮނުފައިވަނީ އެ ދެ ބޭފުޅުންކަމަށް ތުހުމަތު ކުރެއްވި އެވެ. އެ ފޫޓޭޖުން ފެންނަ ގޮތުގައި، އިބްރާހިމް ވަހީދު މަގުމަތީގައި ހުންނަވަނިކޮށް އަކްރަމް އެތަނަށް ވަޑައިގެން، ވާހަކަ ދައްކަވަ އެވެ. އެއަށް ފަހު ދެ ބޭފުޅުން މަގުމައްޗަށް އިޝާރާތެއް ކުރުމަށް ފަހު، އަކްރަމް ފޯނު ވަހީދަށް ދިނުމުން އެ ފޯނުން ވީޑިއޯއެއް ކުރެއެވެ. ނަމަވެސް އެ ފޫޓޭޖުން ވީޑިއޯ ކުރަނީ ކޮން އެއްޗެއް ކަމެއް ސާފެއް ނުވެއެވެ.
އިބްރާހިމް ވަހީދު ވަނީ މި ތުހުމަތުތައް ދޮގުކުރައްވައި، މިނިސްޓަރު އިހުސާންގެ މައްޗަށް އަބުރުގެ ދައުވާ ކުރައްވާނެކަމަށް ބައެެއް މީޑިއާތަކަށް ވިދާޅުވެފައެވެ.
މި މައްސަލައިގައި އެކްސްގައި ފައްޔާޒް ވިދާޅުވީ، ސަރުކާރުން ދައުލަތް ”ޑިކްޓޭޓާޝިޕަކަށް“ ވައްޓާލާފައިވާކަމަށާއި، މިއީ އެއްވެސް އަހުލާގަކާއި ގާނޫނަކަށް ތަބާވުމެއް ނެތް ނާގާބިލް ސަރުކާރެއް ކަމަށެވެ. އަދި ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން އާންމުންގެ ވީޑިއޯ މިފަދަ ގޮތަކަށް ދައުލަތުގެ ވަޒީރަކަށް އާންމު ނުކުރެވޭނެކަމަށް ވިދަޅުވި އެވެ.
މިއީ މަގުމަތީގެ ކެމެރާތައް ބޭނުންކޮށްގެން މީހުން ކޮންޓްރޯލްކޮށް އިންތިޚާބުތަކަށް ނުފޫޒު ފޯރުވަން ކުރާ މަސައްކަތެއްކަމަށް އޭނާ ސިފަކުރެއްވިއެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ، މި ސަރުކާރުގެ ފަސާދަތައް ހުއްޓުވުމަށް އެންމެން އެއްތަނަކަށް ޖަމާވެ، މި ވެރިކަމަށް ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ.
ފައްޔާޒްގެ ވާހަކަތަކަށް ރައްދު ދެއްވަމުން މިނިސްޓަރ އިހުސާން އިތުރު ޕޯސްޓެއްކޮށް ވިދާޅުވީ، އޭނާ އާންމުކުރި ފޫޓޭޖަކީ އާއިލާ ދިރިއުޅޭ ގޭގެ އަމިއްލަ ސީސީޓީވީ ކެމެރާއިން ނަގާފައިވާ، ދައުލަތުގެ އެއްވެސް ވަސީލަތެއް ނުހިމެނޭ ފޫޓޭޖެއް ކަމަށެވެ. އަދި ޑިމޮކްރެޓިކް ޗެމްޕިއަންކަމަށް ބުނާ އެމްޑީޕީގެ ބަޔަކު، އޭނާގެ އަނބިމީހާއާއި ދަރިފުޅުގެ ހަރަކާތްތައް ރެކޯޑް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވި އެވެ. އެމްޑީޕީއަކީ އަބަދުވެސް އެފަދަ ދަށު ދަރަޖައިގެ ކަންކަން ކުރާ ޕާޓީއެއްކަމަށް އިހުސާން ވިދާޅުވިއެވެ.
މި މައްސަލައިގައި އާންމުންގެ މެދުގައި ޚިޔާލު ތަފާތުވެފައިވާއިރު، ބައެއް މީހުން ބުނަނީ ވީޑިއޯގައި މޫނު ނުފެންނާތީ އެއީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް ގިނަ ބަޔަކު ދަނީ ސިޔާސީ ކަންކަމުގެ ތެރެއަށް އާއިލާ އާއި ކުޑަކުދިން ނުވެއްދުމަށް ގޮވާލާފަ އެވެ.

