ދަރަވަންދޫ އެއާޕޯޓުގެ ބިން ހިއްކުމާ ގުޅޭގޮތުން ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައި ވަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއްކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ބައެއް މީޑިއާތަކުން މިރޭ ރިޕޯޓުކޮށްފައިވާ ގޮތުން، ބ. އަތޮޅުގައި ހިމާޔަތްކޮށްފައި އޮންނަ ހަނިފަރު ބޭ ސަރަހައްދާއި ކިލޯމީޓަރެއް ދުރުގައި އޮތް ދަރަވަންދޫގެ ބައެއް ހިއްކުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި އެ މީޑިއާތަކުން ބުނެފައި ވަނީ ހިއްކަން ނިންމާފައި ވަނީ ހަނިފަ ބޭއާއި އެންމެ ގާތުގައި އޮންނަ އެ ރަށުގެ ސޯލަރ ޕެނަލްތައް ހަރުކޮށްފައި އޮތް ފަޅު ކަމަށެވެ.
މި ސަރަހައްދު ހިއްކުމުގެ ސަބަބުން ލިބޭނެ ގެއްލުންތައް ބޮޑުވާނެކަމަށް ދެކެވޭ ވާހަކައާއި، އެ މަޝްރޫއު ކުރިޔަށް ގެންދަން ސަރުކާރުން ނިންމާފައިވާކަމަށް ރިޕޯޓުތައް ދައުރުވި ނަމަވެސް އެކަން ސަރުކާރުން ދޮގު ކުރެ އެވެ.
މުއްތަލިބު ވިދާޅުވީ 2025 ވަނަ އަަހަރުގެ މެދުތެރޭގައި އެފަދަ ބައެއް މަޝްވަރާތައް ކުރެވުނު ނަމަވެސް، ދަރަވަންދޫގެ ބިން ހިއްކުމުގެ އެއްވެސް މަޝްރޫއުއަކަށް މިހާތަނަށް ހުއްދައެއް ދޫކޮށްފައި ނުވާނެކަމަށެވެ. އަދި މިފަދަ މަޝްރޫއުއަކަށް ހުއްދަ ދެވިފައިވާނަމަ، އެކަން ރަސްމީކޮށް ރަށުގެ ކައުންސިލާއި ހިއްސާ ކުރެވޭނެކަމަށް މުއްތަލިބު ވިދާޅުވި އެވެ. ނަމަވެސް މި މަޝްރޫއު ކުރިޔަށް ގެންދިއުމަށް އެއްވެސް ސިފައެއްގައި މަޝްވަރާ ކުރެވި އެއްބަސްވުމެއްގައި ސޮއި ކުރެވިފައި ނުވާނެކަމަށް މުއްތަލިބު ވިދާޅުވި އެވެ.

