މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ހަމަނުޖެހުންތަކާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކަންކަން ހައްލުކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޒީރުންގެ ހާއްސަ ކޮމިޓީއެއް މިއަދު އުފައްދަވައިފިއެވެ.
ރައީސް އޮފީހުގެ އިސްތަރުޖަމާނު ހީނާ ވަލީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ކޮމިޓީއަކީ މެދުއިރުމަތީގެ މަސްރަހަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިންނަށް ކުރިމަތިވާ ކަންކަމުގައި ގުޅިގެން ފިޔަވަޅުތައް އެޅުމަށް އުފެއްދެވި ކޮމިޓީއެއް ކަމަށެވެ.
ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ވަޒީރުން
ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް ޗެއަރ ކުރައްވާ މި ކޮމިޓީގައި ޖުމްލަ 9 ވަޒީރަކު ހިމެނިވަޑައިގަންނަވައެވެ. އެ ބޭފުޅުންނަކީ:
- ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް (ކޮމިޓީގެ ޗެއަރ)
- ޑިފެންސް މިނިސްޓަރ މުޙައްމަދު ޣައްސާން މައުމޫން
- ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު
- އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު
- ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން
- ހޯމް މިނިސްޓަރ ޢަލީ އިޙްސާން
- ޓޫރިޒަމް މިނިސްޓަރ ޠާރިޤު އިބްރާހީމް
- ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢަލީ ހައިދަރު
- އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ހީނާ ވަލީދު އިތުރަށް ވިދާޅުވީ، މި ވުޒާރާތަކުން ކަމާގުޅޭ އެންމެހާ މައުލޫމާތުތައް ރައްޔިތުންނާ ހިއްސާކުރަމުން ގެންދާނެ ކަމަށެވެ. މެދުއިރުމަތީގައި އީރާނާއި، އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދިވެހި ސަރުކާރުން ވަނީ އެކަން ކުށްވެރިކޮށްފައެވެ.

