އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ ޚާމަނާއީ އަވަހާރަވެފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނުކޮށްފިއެވެ.
“ޓްރޫތް ސޯޝަލް”ގައި ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ ތާރީޚުގައި ދުށް އެންމެ ނުބައި އެއް މީހާ ކަމުގައިވާ ޚާމަނާއީ އަވަހާރަވެފައިވާ ކަމަށެވެ. އޭނާ ބުނީ މިއީ ހަމައެކަނި އީރާނުގެ ރައްޔިތުންނަށް ލިބުނު އިންސާފެއް ނޫން ކަމަށާއި މިއީ އެމެރިކާގެ ފަޚުރުވެރި ރައްޔިތުންނާއި، ދުނިޔޭގެ އެކި ޤައުމުތަކުގެ މީހުންނަށްވެސް ލިބުނު އިންސާފެއް ކަމަށެވެ.
ޓްރަމް ބުނެފައިވަނީ، އެމެރިކާގެ އިންޓެލިޖެންސް އަދި އެންމެ ޒަމާނީ ޓްރެކިންގ ނިޒާމުތަކުން ޚާމަނާއީއަށް ސަލާމަތް ނުވެވުން ކަމަށެވެ. އޭނާ ބުނެފައިވަނީ އިސްރާއީލާއެކު ގާތުން މަސައްކަތްކޮށްގެން ހިންގި އެ އޮޕަރޭޝަނުގައި، އޭނާއަށާއި އޭނާއާއެކު މަރާލެވުނު އެހެން ލީޑަރުންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށެވެ.
“މިއީ އީރާނުގެ ރައްޔިތުން އެމީހުންގެ ޤައުމު އަނބުރާ ހޯދުމަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތެވެ. އީރާނުގެ ރިވޮލިއުޝަނަރީ ގާޑް (އައި.އާރު.ޖީ.ސީ) އާއި، އެ ގައުމުގެ އަސްކަރިއްޔާގެ އިތުރުން ސަލާމަތީ ބާރުތަކާއި ފުލުހުންގެ ތެރެއިން ގިނަ ބަޔަކު، އިތުރަށް ހަނގުރާމަ ކުރަން ބޭނުންނުވާ ކަމުގެ މައުލޫމާތު އަޅުގަނޑުމެންނަށް ދަނީ ލިބެމުންނެވެ. އަދި އެ ފަރާތްތަކުން އެދެމުންދަނީ އަޅުގަނޑުމެންގެ ފަރާތުން ރައްކާތެރިކަމާއި އަމާންކަން ހޯދުމަށެވެ. ރޭގައިވެސް އަޅުގަނޑު ބުނި ފަދައިން، މިވަގުތު އެ ފަރާތްތަކަށް އަމާންކަން ލިބިދެވިދާނެއެވެ. ނަމަވެސް ފަހުން އޮތީ ހަމައެކަނި މަރެވެ”
ޓްރަމްޕްގެ ޕޯސްޓުގައި ބުނެފައިވަނީ، އޭނާގެ އުންމީދަކީ އައި.އާރު.ޖީ.ސީ އާއި ފުލުހުން، އީރާނުގެ ވަތަނީ ފަރާތްތަކާ ސުލްހަވެރިކަމާއެކު ގުޅި، އެ ގައުމަށް ހައްގުވާ ފަދަ މަތިވެރި ދަރަޖައަކަށް ގައުމު އަނބުރާ ގެންދިއުމަށްޓަކައި އެއްބައިވެގެން މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށާއި އެއީ ހަމައެކަނި ޚާމަނާއީގެ މަރާ ގުޅިގެންނެއް ނޫން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
މީގެއިތުރަށްވެސް ޓްރަމްޕް ބުނެފައިވަނީ އަމާޒުތަކަށް ބަލައިގެން ދެވޭ ވަރުގަދަ ބޮމުގެ ހަމަލާތައް، ކުރިއަށް އޮތް ހަފުތާގެ ތެރޭގައިވެސް މެދުނުކެނޑި ކުރިއަށްދާނެ ކަމަށެވެ.

