ގަލްފް ޤައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން މެދުއިރުމަތިން މިއަދު ރާއްޖެ އަންނަންއޮތް 14 ފްލައިޓްއެއް ކެންސަލްވެއްޖެއެވެ.
މެދުއިރުމަތިން މިއަދު ރާއްޖެ އަންނަން އޮތް 14 ފްލައިޓެއް ކެންސަލްކޮށްފައިވާއިރު، ގިނަ އަދަދެއްގެ ފްލައިޓްތައް ވަނީ ޑިލޭވެސްވެފައެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ ފްލައިޓް ޝެޑިއުލަށް ބަލާއިރު، މެންދުރުފަހާއި މިރޭ މެދުއިރުމަތިން އަންނަން އޮތް 9 ފްލައިޓެއް ވަނީ ކެންސަލްކޮށްފައެވެ. މީގެ އިތުރުން ހަތަރު ފްލައިޓެއް ވަނީ ޑިލޭވެފައެވެ.
ގަލްފް ޤައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރަންޖެހުނީ، އެމެރިކާ އަދި އިސްރާއީލް ގުޅިގެން އިއްޔެ އީރާނަށް ދޭންފެށި ހަމަލާތަކާ ގުޅިގެން އީރާނުން ޔޫއޭއީ، ބަހްރެއިން، އޮމާން، ޤަތަރު އަދި ސައުދީގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ރައްދު ހަމަލާތައްދޭން ފެށުމުންނެވެ. އެއާއެކު އެޤައުމުތަކުން ވަނީ ވައިގެ ސަރަހައްދު ބަންދުކޮށް އެއާޕޯޓްތަކުގެ ފްލައިޓް އޮޕަރޭޝަންތައްވެސް މެދުކަނޑާލާފައެވެ.
މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ވަގުތީ ގޮތުން ބަންދުވެފައިވާތީ، މި ސަރަހައްދަށް ދަތުރުކުރާ ހުރިހާ ފަސިންޖަރުން އެއާޕޯޓަށް ދިއުމުގެ ކުރިން އެމީހުންގެ އެއާލައިންތަކާއި ޓުއާ އޮޕަރޭޓަރުންގެ އަޕްޑޭޓްތައް ގާތުން މޮނިޓަރ ކުރުމަށް އެމްއޭސީއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ. މިގޮތުން ދަތުރުވެރިންގެ ފްލައިޓުގެ ހާލަތު ސީދާ އެމީހުންގެ އެއާލައިންގެ ރަސްމީ ވެބްސައިޓް ނުވަތަ މޯބައިލް މެދުވެރިކޮށް ޗެކްކުރުމާއި އެއާޕޯޓަށް ދަތުރުކުރުމުގެ ކުރިން ބޭނުންވާ އެޕްލިކޭޝަން ހުށަހެޅުމަށް އެމްއޭސީއެލްއިން ވަނީ އިރުޝާދު ދީފައެވެ.
ހަމަ މިއާއިއެކު އެއާޕޯޓަށް ދަތުރު ކުރުމުގެ ކުރިން އެންމެ ފަހުގެ ގައިޑްލައިން އަދި ރީބުކިންގ ނުވަތަ ޝެޑިއުލަށް ބަދަލު އައުމަށް ޕަސިންޖަރުންގެ ޓުއާ އޮޕަރޭޓަރާއި ގުޅުމަށްވެސް އެދިފަވެއެވެ. މެދުއިރުމަތީގެ ޤައުމުތަކަށް ކުރާ ދަތުރުތައް ހުއްޓާލުމާއެކު އިއްޔެ އާއި ރޭ ގިނަ އަދަދެއްގެ ދަތުރުވެރިން ވީއައިއޭގައި ނުފުރިފައި ތިބެންޖެހުނުއިރު، ކަމާބެހޭ ފަރާތްތަކުން ވަނީ އެއާޕޯޓްގައި ތާށިވި ފަރާތްތަކަށް ބޭނުންވާނެ ކަންކަން ފަހިކޮށްދީފައެވެ.

