ސަރުކާރުން ދިވެހި މާލިއްޔަތު ބޭނުންކުރަމުން ގެންދަނީ ޕީއެންސީއަށް ހަރަދުކުރާ ތަނެއްގެ ގޮތުގައިކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ދެ އިންތިހާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން އެމްޑީޕީން ދަނީ ތަކުރާރުކޮށް ދެކޮޅު ހަދައި، އެ ނިންމުމާއި ދެކޮޅަށް މުޒާހަރާ ކުރުމަށް ވެސް އިއުލާނުކޮށްފަ އެވެ.
މައްސަލައިގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމްހީދު ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވީއްސުރެ ފެންނަމުން ދަނީ ރައްޔިތުންގެ ހައްގުތަކަށް އުނިކަން ލިބެމުންދާ މަންޒަރު ކަމަށެވެ. އެގޮތުން، ރައްޔިތުން ތަމްސީލުކުރަން އިންތިހާބުކޮށްފައިވާ މަންދޫބުންނަކީ ރައީސުލްޖުމްހޫރިއްޔާގެ މަންދޫބުންގެ ގޮތުގައި ބަދަލުވެފައިވާކަންއޭނާ ފާހަގަކުރެއްވިއެވެ.
އަތޮޅު ކައުންސިލްތަކުގެ ދައުރު ހަނިކޮށް، އުވާލާފައިވާކަން ފާހަގަކުރައްވަމުން ޝަމްހީދު ވިދާޅުވީ، ރިޔާސީ އިންތިހާބަކީ ހަމައެކަނި ފެންނަ ނުފެންނަ ވޯޓަކުން ނިންމާލެވިދާނެ ކަމެއްގެ ގޮތުގައި ދެއްކުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ސަރުކާރުގެ ފަރާތުން ޑިމޮކްރަސީ ހަރުދަނާކުރުމަށް ނުވަތަ ރައްޔިތުން ބާރުވެރިކުރުވުމަށް އެއްވެސް ގާނޫނީ އިސްލާހެއް ނުވަތަ މަސައްކަތެއް ފެނިގެން ނުދާނެކަމަށާއި، މިއީ ރައްޔިތުން ފުންކޮށް ވިސްނަންޖެހޭ ކަމެއްގެ ގޮތުގައި އޭނާ ވިދާޅުވިއެވެ.
ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ފައިސާ ޕީއެންސީގެ ސިޔާސީ ބޭނުންތަކަށް ހޭދަކުރުން ހުއްޓުވުމަށް އެމްޑީޕީން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. އަދި ރައްޔިތުންނަށް ހަގީގަތް އޮޅުވާލައިގެން ވޯޓު ހޯދުމުގެ ސިޔާސަތު ދޫކޮށްލަންޖެހޭކަމަށާއި، ރާއްޖޭގެ ރައްޔިތުން މިހާރު ތިބީ އެއަށްވުރެ މާ ބޮޑަށް ހޭލުންތެރިވެފައިކަމަށް ވިދާޅުވިއެވެ.
ސަރުކާރުން ކުރަން އުޅޭ ކަންކަމުގެ ހަގީގަތް ރައްޔިތުންނަށް ސާފުކޮށްދިނުމަށްޓަކައި އެމްޑީޕީން އަތޮޅުތަކަށް ދަތުރުތައް ފަށާފައިވާކަމަށް ޝަމްހީދު ވިދާޅުވި އެވެ.

