ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތި ދިން މައްސަލައިގައި އެމްޑަބްލިއުއެސްސީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުހައްމަދު ފަޒީލް ރަޝީދު ހިމެނޭ ގޮތަށް އިތުރު 11 މީހެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.
މިއީ ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅި ފަޒީލްގެ ނަން އޮތީ ގޯއްޗަށް ޝަރުތު ހަމަނުވާ މީހުންގެ ތެރޭގައި ނަމަވެސް އޭނާއަށް ރެޖިސްޓްރީއެއް ލިބި ބަނީ އެތަނުގައި އިންފާރު ވެސް ރާނާފައިވާ މައްސަލަ އެކެވެ. އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުގައި ހުރެ ފަޒީލާއި އެކު އިތުރު އެހެން ބަޔަކަށް ވެސް ގޯތީގެ ވަގު ރެޖިސްޓްރީ ހަދައިދީފައިވާކަން މި މައްސަލައާއި އެކު ފަޅާއެރިއެވެ.
މި މައްސަލަ ފެންމަތިވުމާއި އެކު، މައްސަލައިގައި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދުއާއި، ފަޒީލްގެ އިތުރުން އެޗްޑީސީގެ ބޯޑު މެމްބަރުންނާއި ބައެއް އިސް މުވައްޒަފުން ސަސްޕެންޑު ކުރި އެވެ. ފަޒީލްގެ ބޭބެ، ފަޒުލްއަށް މި މައްސަލައިގައި ކުރެވުނީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް، ވެރިފައި ކުރުމެއް ނެތި ގޯތި ދޫކޮށްފައިވާކަމަށް ތުހުމަތެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ”ސަންގު“ އަށް ބުނީ ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ބަޔަކު ބިން ހޯދަން ހުށަހެޅި މައްސަލަ މިހާރު ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.
މި މައްސަލައިގައި ފަޒީލްގެ މައްޗަށް އުފުލާފައި ވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 310 ވަނަ މާއްދާގެ ދަށުން ސައްހަ ނޫން ލިއުމެއް އުފެއްދުމުގެ ކުށުގެ ދައުވާ އެވެ.
1. ޞައްޙަނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ ދައުވާ
ޤާނޫނުލްޢުޤޫބާތުގެ 310 ވަނަ މާއްދާގެ (ހ) ގެ ދަށުން މި ދައުވާ އުފުލާފައި ވަނީ ގ. ޕޫލްބަހާރުއާގެ އަހުމަދު ޢަތީގް އަބްދުﷲ އާއި، ނ. ވެލިދޫ ޑޭޒީމާގެ އަހްމަދު މާޒިންގެ މައްޗަށެވެ. މި ދެ މީހުންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އާއި ގުޅީފަޅުން ބިން ދޫކުރުމަށް ފޯމު ހުށަހެޅުމަށް ހުޅުވާލި ދުވަސްވަރު، ފޯމުތަކުގެ މަސައްކަތުގައި އުޅެމުން ބިމުގެ ހައްޤުވެރިކަން އެނގޭނޭ ސައްހަނޫން ރަޖިސްޓްރީއާއި އެއްބަސްވުންތަކެއް އުފައްދާފައިވާ ކަމަށް ތުހުމަތުކުރެވޭތީ އެވެ.
2. ޞައްޙަނޫން ލިޔުމެއް އުފެއްދުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ
ޤާނޫނުލްޢުޤޫބާތުގެ 310 ވަނަ މާއްދާގެ (ހ) އާއި 30 ވަނަ މާއްދާއަށް ރިޢާޔަތްކޮށް މި ދައުވާ އުފުލާފައިވަނީ މ. ފަޅުމަތީގެ އަރުޝަދު ޢަލީގެ މައްޗަށެވެ. އޭނާގެ މައްޗަށް މި ދައުވާ އުފުލީ، އަޙްމަދު މާޒިންއާ ބައިވެރިވެގެން ސައްހަނޫން ރަޖިސްޓްރީއާއި އެއްބަސްވުންތަކެއް އުފެއްދުމުގައި އުޅެފައިވާކަމަށް ތުހުމަތުކޮށެވެ.
3. އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާ
ޤާނޫނުލްޢުޤޫބާތުގެ 310 ވަނަ މާއްދާގެ (ހ) ގެ ދަށުން މި ދައުވާ އުފުލާފައިވަނީ މައްސަލާގައި ހިމެނޭ އަނެއް 9 މީހުންގެ މައްޗަށެވެ. އޭގެ ތެރޭގައި މުޙައްމަދު ފަޒީލް ހިމެނެއެވެ. މި މީހުންގެ މައްޗަށް ކުރަނީ ބިންވެރިޔާ ސްކީމުން ގޯތި ލިބިފައި ނުވި ނަމަވެސް، އުފައްދާފައިވާ ސައްހަނޫން ލިޔެކިޔުންތައް ބޭނުންކޮށްގެން ގޯތި ހޯދުމަށް އެޗްޑީސީއަށް ހުށަހެޅިކަމުގެ ތުހުމަތެވެ.
މައްސަލައިގައި ދައުވާ ކުރިއިރު ފަޒީލަކީ ހުޅުމާލެ އިން ގޯތި ލިބޭ މީހުންގެ ލިސްޓުގައި ކުރިން ހިމެނިފައި ނެތް އަދި ގޯއްޗަށް ޝަރުތު ހަމަވާ މީހެއް ނޫނެވެ. އެކަމަކު އޭނާ އަށް ގޯތި ލިބި، ހަތަރު ފޫޓެއްހާ އުސްމިނަށް ހުރީ ވަށައިގެން ފާރު ވެސް ރާނައިފަ އެވެ.

