ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމުގެ ހަގީގީ މަގުސަދަކީ ކޮބައިކަން މިއަދު ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
މަޢުރޫފް މިހެން ވިދާޅުވީ އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ސަރުކާރުން އުޅެނީ، މަކަރާއި ހީލަތުން ރިޔާސީ ދައުރު ދިގުދަންމާލުމަށް ކަމަށް މަޢުރޫފް ތުހުމަތު ކުރެއްވިއެވެ.
މަޖިލިސް ޗުއްޓީގައި އޮއްވައި، ކުއްލި ގޮތަކަށް ކޮމިޓީ ބައްދަލުވުމެއް ބާއްވައި، ފަސް މިނެޓު ތެރޭގައި ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ސަރުކާރުން ގެނެސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މި ބަދަލުތަކާ ގުޅިގެން ނަގާ ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުން ”އާއެކޭ“ ބުނަންޖެހޭ ސަބަބެއްގެ ގޮތުގައި، ހަރަދު ކުޑަކުރުމާއި ވޯޓުލުމުގެ ފަސޭހަކަން ސަރުކާރުން ދައްކަމުންދަނީ ރައްޔިތުންނަށް އޮޅުވާލުމަށްކަމަށް މައުރޫފް ވިދާޅުވިއެވެ.
މަޢުރޫފް ވިދާޅުވީ، ރައްޔިތުންނަށް ބަސްބުނުމުގެ ފުރުސަތު ލިބޭ އިންތިހާބުތައް ބޭއްވުމަކީ ހަރަދު ބޮޑުވެގެން ނުކޮށް ދޫކޮށްލަންޖެހޭ ކަމެއްކަމަށް ރައްޔިތުން ގަބޫލު ނުކުރާ ކަމަށެވެ. އަދި ޑިމޮކްރަސީގެ އުސޫލުތައް ތަންފީޒުކުރުމަކީ ހަރަދަށް ބަލައި ހުއްޓާލެވޭނެކަމެއް ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.
މީގެއިތުރުން، އެމްޑީޕީން ކުރިއަށްގެންދާ ކެމްޕޭނުގެ ތެރެއިން، ދެ އިންތިހާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންނަށް އެނގެންޖެހޭ މައުލޫމާތުތައް ފޯރުކޮށްދެމުންދާކަމަށާއި، މިކަމުގެ ނުރައްކާތެރިކަން މިއަދު ރައްޔިތުންނަށް ވަރަށް ބޮޑަށް ފަހުމްވެފައިވާ ކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.

