ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ އުފުލާ ޓޭންކަރަކަށް ދިން ހަމަލާއެއްގައި ހަތަރު މުވައްޒަފަކަށް އަނިޔާވެފައިވާކަމަށް އޮމާން ސަރުކާރުން ހާމަކޮށްފިއެވެ.
އޮމާންގެ ރަސްމީ ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާ އަމާޒުވެފައިވަނީ ”ސަކައިލައިޓް“ ނަމަކަށް ކިޔާ އުޅަނދަކަށެވެ.
މި އުޅަނދުގައި މަސައްކަތް ކުރަނީ އިންޑިއާ އާއި އީރާނަށް ނިސްބަތްވާ ފަޅުވެރިންނެވެ.
މި ހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ފަރާތަކުން އުފުލާފައި ނުވި ނަމަވެސް، ފަލަސްޠީނުގެ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އުދުވާނާ ގުޅިގެން، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ދަނީ ރޭޑިއޯ މެދުވެރިކޮށް އިންޒާރު ދެމުންނެވެ.
މީގެ އިތުރުން، އޮމާންގެ ދުޤްމު ބަނދަރަށް ވެސް ޑްރޯން ހަމަލާތަކެއް އަމާޒުވެފައިވާ ކަމަށް އެ ގައުމުން ވަނީ ބުނެފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، އޮމާނަކީ މީގެ ކުރިން އީރާނާއި އިސްރާއީލާ ދެމެދު އުފެދިފައިވާ ސަރަހައްދީ ހަމަނުޖެހުންތަކުގައި ވަކި ފަރާތަކަށް ނުޖެހި، މަސްލަހަތު ހިފަހައްޓަމުން އައި ގައުމެކެވެ.

