ރޭ ފްލައިޓުތައް ކެންސަލްވުމުގެ ސަބަބުން ނުފުރި އެއާޕޯޓުގައި ތާށިވި ގިނަ ފަތުރުވެރިން މިހާރު އެނބުރި ރިސޯޓުތަކަށް ގޮސްފައިވާކަމަށާއި، ބައެއް ފަތުރުވެރިން މާލޭގެ ހޮޓާތަކަށް ބަދަލުވެފައިވާކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ،
މެދުއިރުމަތީގައި އުފެދިފައިވާ ހަނގުރާމަވެރި ނުތަނަވަސްކަމާ ގުޅިގެން، ރާއްޖެއަށް ކުރާ ބައިނަލްއަގުވާމީ ދަތުރުތަކަށް ބޮޑެތި ބުރޫތަކެއް އަރައި، ގިނަ އަދަދެއްގެ ފަތުރުވެރިން އެއާޕޯޓުގައި ވަނީ ތާށިވެފަ އެވެ.
އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ހަމަލާދޭން ފެށުމާ އެކު، މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއްގެ ބިރުވެރިކަން އުފެދި، އެ ސަރަހައްދުގެ ވައިގެ ސަރަހައްދުތައް ބަންދުކުރުމުގެ ސަބަބުން ރެއިން ފެށިގެން ރާއްޖެއަށް އަންނަން އޮތް ހުރިހާ ފްލައިޓެއް ވަނީ ކެންސަލްވެފައެވެ. އީރާނުން ވެސް ވަނީ އެ ސަރަހައްދުގެ ގައުމުތަކަށް ބޮމުގެ ހަމަލާތައް ދޭން ފަށާފައެވެ.
މި ހާލަތާ ގުޅިގެން ރާއްޖެ އަންނަން އޮތް 9 ފްލައިޓެއް ކެންސަލްކޮށްފައިވާއިރު، މިއަދު ޖުމްލަ 14 ފްލައިޓެއް ކެންސަލްވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މީގެ ސަބަބުން މިވަގުތު ރާއްޖޭގައި 1،400 އެއްހާ ފަތުރުވެރިން ނުފުރިފައި ވަނީ ތާށިވެފަ އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ދުބާއީ، ޝަރުޖާ، ބަހްރެއިން، އަބޫދާބީ އަދި ދޯހާ ފަދަ މައިގަނޑު މަންޒިލްތަކުން ކުރާ ހުރިހާ ދަތުރެއް ހުއްޓިފައި ވާތީ އެވެ.
ޓޫރިޒަމް މިނިސްޓަރު ތޯރިގު އާއި، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު މުހައްމަދު ރޭ ވަނީ އެއާޕޯޓަށް ވަޑައިގެން، އެއާޕޯޓުގައި ތާށިވެފައި ތިބި ފަތުރުވެރިންނާ ބައްދަލުކުރައްވައި ހާލަތު ބައްލަވާލައްވާފައެވެ.
މި ބައްދަލުކުރެއްވުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލު ކުރުމުން ތޯރިގު ވިދާޅުވީ، ގިނަ ފަތުރުވެރިން މިހާރު އެނބުރި ރިސޯޓުތަކަށް ގޮސްފައިވާކަމަށާއި، ބައެއް ފަތުރުވެރިން މާލޭގެ ހޮޓާތަކަށް ބަދަލުވެފައިވާ ކަމަށެވެ. އަދި ބައެއް ފަތުރުވެރިން އެހެން ރޫޓުތަކުން ޓިކެޓު ބަދަލުކޮށްގެން ދަތުރުކުރަމުންދާކަމަށެވެ.
އަޅުގަނޑުމެން މި ބަލަނީ އެބޭފުޅުން ބޭނުންވަނީ ކޮބައިތޯ. އެބޭފުޅުންގެ އޮޕްޝަންތަކަކީ ކޮބައިތޯ. އަޅުގަނޑުމެން މި ފެސިލިޓޭޓް ކޮށްދެނީ އެމީހުންނަށް އެކަންތައްތައް ކުރަން ފަސޭހަވާ ގޮތަކަށް
މިނިސްޓަރު އިތުރަށް ވިދާޅުވީ ސަރުކާރުން ފަތުރުވެރިންނަށް ޓިކެޓު ނަގައިދިނުމާއި ހޮޓާ ހަމަޖައްސައިދިނުން ފަދަ ކަންކަން ނުކުރި ނަމަވެސް، އެއާޕޯޓުގައި ތިބެން ބޭނުންވާ ފަތުރުވެރިންނަށް ފެނާއި، ވައިފައި ފަދަ ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި އެއާލައިންތަކުން ވެސް ޑިލޭވާ ފަތުރުވެރިންނަށް ބޭނުންވާ އިތުރު ހިދުމަތްތައް ފޯރުކޮށްދިނުމަށް އެއާލައިންތަކާ ގާތުން މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.
މި ހާލަތާއި ގުޅޭގޮތުން އެމްއޭސީއެލްގެ އެމްޑީ ޝަރީފް ވިދާޅުވީ، މެދުއިރުމަތީގެ ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން ރިސޯޓުތަކާއި އެއާލައިންތަކާ ގުޅިގެން މި ހާލަތު މެނޭޖު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

